ކާޑިއެކް ކެތު ލެބާ އެކު ހިތުގެ ބަލިތަކަށް ފަރުވާދިނުމުގައި އައިޖީއެމްއެޗު އާ ހަރުފަތަކަށް
ކާޑިއެކް ކެތު ލެބާ އެކު ހިތުގެ ބަލިތަކަށް ފަރުވާދިނުމުގައި އައިޖީއެމްއެޗު އާ ހަރުފަތަކަށް

އައިޖީއެމްއެޗުގައި އަލަށް ހުޅުވި ނެޝަނަލް ކާޑިއެކް ކެތު ލެބަކީ ހިތުގެ ބަލިތަކަށް ރާއްޖެ އިން ކުރިން ނުލިބޭ އެތައް ފަރުވާއަކާ އެކު ތަރައްގީކުރި އަދި ބަލިމީހުންނަށް އެތައް ފަސޭހައެއް އެކުލެވޭ ތަނެއް ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ކާޑިއެކް ކެތު ލެބާ އެކު ހިތުގެ ބަލިތަކަށް ފަރުވާދިނުމުގައި އައިޖީއެމްއެޗު އާ ހަރުފަތަކަށް
ކާޑިއެކް ކެތު ލެބާ އެކު ހިތުގެ ބަލިތަކަށް ފަރުވާދިނުމުގައި އައިޖީއެމްއެޗު އާ ހަރުފަތަކަށް

ކުރިން ރާއްޖޭގައި ލިބެން ނެތް ޚިދުމަތެއް ކަމަށްވާ އެންޖިއޮގްރާމް ވެސް ހެދޭ ފެންވަރަށް ގާއިމްކުރި ކާޑިއެކް ކެތު ލެބަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

ކާޑިއެކް ކެތު ލެބާ އެކު ހިތުގެ ބަލިތަކަށް ފަރުވާދިނުމުގައި އައިޖީއެމްއެޗު އާ ހަރުފަތަކަށް
ކާޑިއެކް ކެތު ލެބާ އެކު ހިތުގެ ބަލިތަކަށް ފަރުވާދިނުމުގައި އައިޖީއެމްއެޗު އާ ހަރުފަތަކަށް

އައިޖީއެމްއެޗުގައި ކާޑިއޮލޮޖިސްޓެއް މަސައްކަތްކުރެއްވި ނަމަވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، މިސާލަކަށް ހިތާ ގުޅޭ އާދައިގެ އިންޖެކްޝަނެއް ޖަހަން ވެސް ބަލިމީހާ ރާއްޖެ އިން ބޭރަށް ފޮނުވަން ޖެހުމެވެ. އެކަމަކު އާ ކެތު ލެބާ އެކު އެ ދުވަސް މިހާރު މިވަނީ މާޒީވެފައި ކަމަށް ހޮސްޕިޓަލްގެ އޮފިޝަލުން ވިދާޅުވެ އެވެ.

އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރު "މިހާރު" އަށް ވިދާޅުވީ ކާޑިއެކް ކެތު ލެބާ އެކު ހިތުގެ ބަލިތަކުގެ ފަރުވާ އާ ހަރުފަތަކަށް ގެންދެވިފައިވާ ކަމަށެވެ. ހިތާ ގުޅޭ ކުދިކުދި ފަރުވާ އަށް ރާއްޖެ އިން ބޭރަށް ނުގޮސް އައިޖީއެމްއެޗުގައި އެ ފަރުވާ ފުރިހަމަކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވަ އެވެ.

"އޯޕަން ހާޓް ސާޖަރީ ފިޔަވައި ހިތުގެ ވަރަށް ގިނަ ފަރުވާތައް މިހާރު ކެތު ލެބްގައި ކުރިއަށް ގެންދެވޭނެ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް،" ފަރުހަތު ވިދާޅުވި އެވެ.

އައިޖީއެމްއެޗުން "މިހާރު" އަށް ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ހިތުގެ އޮޕަރޭޝަން ނުކޮށް ގިނަ ބަލިތަކަށް ކެތު ލެބްގައި ފަރުވާދެވެ އެވެ. އޮޕަރޭޝަންކުރުމުގެ ބަދަލުގައި އެތަނުގައި ބޭނުންކުރާނީ ހަށިގަނޑުގެ ލޭނާރު ތެރެއަށް ލައްވާ ކެތެޓާއެކެވެ.

ކެތު ލެބްގައި ހިތުގެ ބަލިތަކާ ގުޅޭ އެކި ތަހްލީލުތައްކޮށް ބަލިތަކުގެ ފަރުވާ ވެސް ދެނެގަނެވޭނެ އެވެ. އަދި ހިތުގެ ހޮޅިތަކުގެ މަންޒަރު ނަގައި ހޮޅި ބެދިފައިވޭތޯ، ފިތިފައިވޭތޯ ނުވަތަ ހިމަވެފައިވޭތޯ ވެސް ދެނެގަނެވެ އެވެ.

"މިފަދަ ހޮޅިއެއް ފެނިއްޖެ ނަމަ އެ ހޮޅި ހުޅުވާލައި އިތުރަށް ބެދުނަ ނުދިނުމަށްޓަކައި ސްޓެންޓެއް ނުވަތަ މަސްނޫއީ ހޮޅިކޮޅެއް ކެތު ލެބްގައި ލެއްވިދާނެ އެވެ،" އައިޖީއެމްއެޗުން ބުންޏެވެ.

ހޮޅި ލެއްވުން ނުވަތަ އެންޖިއޮގްރަފީ އާއި އެންޖީއޯ ޕްލާސްޓީ ހެދުމަކީ ރާއްޖޭގައި ކުރިން ލިބެން ހުރި ފަރުވާތަކެއް ނޫނެވެ. އެކަމަކު އެކަން ވެސް އައިޖީއެމްއެޗުގައި މިހާރު ވަނީ ތަރައްގީކޮށްފަ އެވެ.

ހޮސްޕިޓަލްގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ހިތުގެ ޕްރެޝަރު ބެލުމާއި ހިތުގެ ކަރަންޓް ހިނގާ ގޮތް ބަލައި މައްސަލައެއް ފެނިއްޖެ ނަމަ އެކަމަށް ކާޑިއެކް ސެންޓަރުން ފަރުވާ ލިބޭނެ އެވެ.

ކުޑަކުދިންނަށް ދިމާވާ ހިތުގެ މައްސަލަތަކަށް ވެސް ރާއްޖޭގައި ތިބެގެން ފަރުވާ ހޯދޭނެ އިންތިޒާމް އައިޖިއެމްއެޗުގައި ވަނީ ތަރައްގީކޮށްފަ އެވެ. އެގޮތުން ކުއްޖާ އުފެދުމުގައި ހިތުގައި ހުންނަ ލޯވަޅުތައް އޮޕަރޭޝަނަކާ ނުލައި ބެއްދުން ހިމެނެ އެވެ. އަދި ހިތުގެ ވިންދުގެ އެކި މައްސަލަތައް ދެނެގަނެ ޕޭސްޕޭކަރެއް ލެއްވުމުގެ އިންތިޒާމް ވެސް އެތަނުގައި ވަނީ ހަމަޖައްސައިފަ އެވެ.

ހިތުގެ ބަލިތަކުގެ އިތުރުން ސިކުނޑީގެ ލޭނާރުތަކުގައި އުފެދޭ ގަނޑު ލޭކޮޅުތައް ވިރުވާލުން ނުވަތަ އެ ލޭކޮޅު ކެތު ލެބްގައި ނެގޭނެ ވަސީލަތްތައް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އަދި އިމަޖެންސީ ހާލަތުގައި ސްޓްރޯކްގެ ފަރުވާ ވެސް އެ ސެންޓަރުގައި ދެވޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ކެތު ލެބް ހުޅުއްވައިދެއްވުމަށް ފަހު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ސިއްހީ ދާއިރާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ދާއިރާއަކަށް ހެދުމަށް ކަމަށެވެ. އައިޖީއެމްއެޗަށް ގެންނަ ބަދަލުތަކާ އެކު ކުރިން ހޮސްޕިޓަލާ ގުޅޭ ގޮތުން ހުރި ޝަކުވާތައް މިހާރު ހައްލުވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް ނިމި ހިދުމަތް ފެށުމުން ރާއްޖޭން ބޭރަށް ސިއްހީ ހިދުމަތް ހޯދަން ދާ މީހުން މަދުވެގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެއާ އެކު އާސަންދަ އާއި އެންސްޕާގެ ހިދުމަތް ހޯދަން ބޭނުންވާ މީހުންގެ އަދަދު ވެސް މަދުވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވި އެވެ.