ޔޫކޭގެ ރެސްޓޯރެންޓެއްގެ ތެރެއިން ނަޝީދުގެ ފޯނު ފޭރިގެންފި
ޔޫކޭގެ ރެސްޓޯރެންޓެއްގެ ތެރެއިން ނަޝީދުގެ ފޯނު ފޭރިގެންފި

އިނގިރޭސިވިލާތުގައި އާއިލާއާއެކު މެންދުރުގެ ފަރިއްކޮޅުގައި އިންނަވަނިކޮށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޯން މިއަދު ފޭރިގެންފި ކަމަށް އާއިލާ އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވަޓްސްއެޕް ގްރޫޕަށް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މެންދުރުގެ ފަރިއްކޮޅުގައި އިންނަވަނިކޮށް ނަޝީދުގެ ފޯނު ޖަހައިގަނެ، މީހަކު ފިލީ ކަމަށެވެ.

ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު، އީވާއަށް ފޮނުއްވި އެ މެސެޖުގައި އެދިވަޑައިގެންފައި އޮތީ ބައްޕާފުޅުގެ ނަމްބަރު ބްލޮކްކޮށްދެއްވުމަށެވެ. އީވާ މަޖިލިސް ގްރޫޕަށް ފޮނުއްވީ މީރާގެ މެސެޖެވެ.

އެ މެސެޖް މަޖިލީހުގެ ގްރޫޕަށް އީވާ ފޮނުއްވިކަން "މިހާރު"އަށް ވަނީ ކަށަވަރުވެފަ އެވެ.

މަޖިލިސް ޗުއްޓީއާ ދިމާކޮށް ނަޝީދު އިނގިރޭސިވިލާތުގައި ހުންނެވި އިރު އާއިލާ ދިރިއުޅުއްވަނީ އެ ގައުމުގަ އެވެ.

އެމަނިކުފާނުގެ ފޯނު ޖަހައިގެންފައި މިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޮޑު ތުހުމަތެއް ކުރައްވައި އެމަނިކުފާނުގެ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. ރައީސްގެ އެ ފޮޓޯތައް އާއްމުކުރަންވީތޯ ސުވާލު ކުރައްވައި ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕަށް މެސެޖްކުރެއްވީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި އެތައް ބަޔަކަށް ތުހުމަތުވާ އިރު އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމުން ހިތްހަމަޖެހިވަޑައިނުގެންނެވެ.

ނަޝީދުގެ ތުހުމަތާ ގުޅިގެން މަޖިލިހުގެ ރައީސްކަމުގެ މަގާމުން އެމަނިކުފާނު ވަކިކުރުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ ސޮއިކުރައްވަމުންނެވެ. މަޖިލިސް ހުޅުވުމާ އެކު އެ މައްސަލަ ވައްދާނެ ކަަމަށް މިހާތަނަށް ސޮއި ކުރެއްވި ބައެއް މެމްބަރުން ވިދާޅުވެފައިވެ އެވެ.