ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓީ ރަނގަޅަށް: ހައި ކޯޓް
ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓީ ރަނގަޅަށް: ހައި ކޯޓް

އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން މިދިޔަ ފެބްރުއަރީ މަހު ސިވިލް ކޯޓުން އަމުރުކުރީ އޭނާގެ ސަން ޓްރެވަލްސް ކުންފުނިން ހިލްޓަން އިންޓަނޭޝަނަލަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދައްކަން ސިންގަޕޫރު އާބިޓްރޭޝަނުން އެންގި އެންގުން ތަންފީޒު ކުރުމުގެ މައްސަލާގަ އެވެ.

އެ މައްސަލާގައި ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކޮށްގެން ވެސް ފައިސާ ނުލިބުމުން ސިވިލް ކޯޓުން އެންގީ ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓުމަށެވެ. އެ މައްސަލަ ސިޔާމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރެއްވި ހުކުމުގައިވަނީ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލް ކުރެވެން ނެތް ކަމަށެވެ.

އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވަނީ އޭރު އަމަލު ކުރަމުންދިޔަ ސާބިތު ދަރަނީގެ މައްސަލަތަކުގައި ކުންފުނީގެ ޑިރެކްޓަރުންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ބާރު ކޯޓުތަކަށް އޮންނަ ކަމަށެވެ. އަދި އެ މައްސަލައަކީ ގަވާއިދުގެ އެ މާއްދާ ބާތިލްކުރަން ހުށަހެޅި މައްސަލައަކަށް ނުވާތީ އެ މާއްދާ އެ މައްސަލާގެ ތެރެއިން ބާތިލް ނުކުރެވޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން މަދަނީ އިޖްރައާތުގެ ގާނޫނަށް މިހާރު އަމަލުކުރަން ފަށާފައިވާތީ ކުރީގެ ގަވާއިދު މިހާރު އުވިފައި ވިޔަސް، ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް އޭގެ އަސަރެއް ނުކުރާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

މި މައްސަލާގައި ރައުޔު ތަފާތުވީ ފަނޑިޔާރު ހުސައިން ޝަހީދު ލިޔުއްވާފައިވާ ގޮތުން ފައިސާ ދައްކަން ޖެހެނީ ސަން ޓްރެވަލްސް ކުންފުނިން ކަމަށްވާތީ އެ ކުންފުނީގެ ދަރަންޏަށް ފަރުދީ ގޮތުން ޑިރެކްޓަރުން ޒިންމާވާން ނުޖެހޭނެ ކަމަށެވެ. އަދި ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ހިފެހެއްޓޭނެ އެއްވެސް ކަމެއް އެ މައްސަލާގައި މިވަގުތު ނެތް ކަމަށް އޭނާ ވިދާޅުވެ އެވެ.