ޔަޝްގެ މަޝްހޫރުކަމާ އެކު އޭނާގެ ބައްޕަގެ ހާއްސަ ވާހަކައެއް
ޔަޝްގެ މަޝްހޫރުކަމާ އެކު އޭނާގެ ބައްޕަގެ ހާއްސަ ވާހަކައެއް

ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު އެއް ފިލްމު "ކޭޖީއެފް: ޗާޕްޓާ 2" ގެ ލީޑު އެކްޓަރު ޔަޝް އަކީ ފިލްމީ ދާއިރާގައި ކިތަންމެ މަޝްހޫރު މީހަކަށް ވިޔަސް އޭނާގެ ބައްޕަގެ އާންމު މަސައްކަތް ހުއްޓާލާކަން ބޭނުމެއް ނުވެ އެވެ. ޔަޝްގެ ބައްޕަ އަރުން ކުމާރަކީ ބަސް ޑްރައިވަރެކެވެ.

ޔަޝްގެ ކާމިޔާބީގެ ވާހަކަ، އޭނާގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި ދައްކާއިރު، ބައްޕަ ޑްރައިވަރަކަށް އުޅޭތީ ލިބޭ ސަމާލުކަން ވެސް ބޮޑެވެ.

ވަރަށް އާދައިގެ އާއިލާއަކުން ފިލްމީ ދާއިރާއަށް ނިކުތް ޔަޝް އަކީ ކަންނަޑާ ފިލްމު އިންޑަސްޓްރީގައި އެންމެ ވަރުގަދަ އެއް ނަމެވެ. ފިލްމީ ދާއިރާއިން ޔަޝްގެ މަގްބޫލުކަން އިތުރުވެ، އޭނާއަށް ލިބޭ އާމްދަނީ އެތައް މިލިއަނަކަށް އެރިޔަސް ވަޒީފާ ދޫކޮށްލަން އޭނާގެ ބައްޕަ ބޭނުމެއް ނުވެ އެވެ.

އެކަން ތެލޫގޫ މަޝްހޫރު ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ވެސް ވަނީ އިވެންޓެއްގައި ފާހަގަކޮށްފަ އެވެ. އޭނާ ބުނީ ޔަޝްއަކީ ބަސް ޑްރައިވަރެއްގެ ދަރިއެއްކަން އެނގުމުން ހައިރާންވި ކަމަށާއި އޭނާގެ ބައްޕަ މިއަދު ވެސް މަސައްކަތްކުރަނީ ޑްރައިވަރަކަށް ކަމަށެވެ.

ޔަޝްއަކީ އެތައް ބައެއްގެ ގަދަރާއި އިހުތިރާމު ލިބޭ އަދި އެހާ ބޮޑު އާމްދަނީއެއް ވެސް ލިބޭ ތަރިއަކަށްވާއިރު ރާޖަމޯލް ބުނީ ޔަޝްއަށް ވުރެ ބޮޑު ތަރިއަކަށް އޭނާގެ ބައްޕަ ވެފައިވާ ކަމަށެވެ.

ޔަޝް އޭނާގެ ފިލްމީ ކެރިއަރު ފަށާފައި ވަނީ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރިއިރު ފަހުން ފިލްމުތަކުގައި އެކްޓްކުރަން ފެށީ އެވެ. އޭނާ ވަނީ އަށް ފަހަރެއްގެ މަތިން ފިލްމު ފެއާ އެވޯޑް ހޯދައިފަ އެވެ.

ޔަޝް އުޅެނީ އޭނާ ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރިއިރު ދިމާވި ބަތަލާ ރަދިކާ ޕަންޑިތާ ކައިވެނިކޮށްގެންނެވެ.