03 އޯގަސްޓް 2022 - 11:42

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އުމްރާއަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 16ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި އުމްރާއަށް މީހުން ގެންދިއުމަށް އެދޭ ކުންފުނިތަކަކީ މިއަހަރުގެ ފެބްރުއަރީ 9ގައި ގެޒެޓްކޮށްފައިވާ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ގުޅޭ އުސޫލު" ގެ ފަސް ވަނަ މާއްދާގައިވާ ޝަރުތުތައް ހަމަވާ ކުންފުނިތަކަކަށް ވާންޖެހެ އެވެ.
އެކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް މިއަދުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު ޕްރޮޕޯސަލް ހުށަހަޅަން ވާނީ ސިޓީ އުރައެއްގައި ބަންދުކޮށް، އޭގެ ބޭރުގައި "އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" ލިޔުމަށް ފަހު ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ބަލައިގަންނާނީ އޮގަސްޓް ނުވަ ވަނަ ދުވަހުން ފެށިގެން 16 ގެ ނިޔަލަށް 9:00 އިން މެންދުރު 1:30 އާ ހަމައަށް މިނިސްޓްރީގެ ކައުންޓަރުންނެވެ.
އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުޅުވާލިއިރު މިދިޔަ އަހަރު ކޮވިޑް-19 އާ ގުޅިގެން އުމްރާއަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު މިނިސްޓްރީން އިތުރުކުރީ އެވެ.
އުމްރާއަށް މީހުން ގެންދަން ދެ އަހަރަށް ހުއްދަދީފައިވާ ކުންފުނިތަކުގެ މުއްދަތު އިތުރުކުރީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރާއި މިދިޔަ ވެސް އެ ކުންފުނިތަކަށް އުމްރާ ދަތުރުތައް ރާވައި ހިންގުމަށް އެކަށީގެންވާ ފުރުސަތު ނުލިބުމުންނެވެ.