03 އޯގަސްޓް 2022 - 10:33

ކުރީގެ ރައީސް އަބްުދުﷲ ޔާމީނަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ހަވާލުކުރަން މި މަހު 19 ގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ދެ ޕާޓީގެ ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތިން ރިޔާސީ ޓިކެޓް ހަވާލުކުރުމުގައި ގިނަ ބަޔަކު ބައިވެރިވާނެ ކަމަށެވެ. އެ ޖަލްސާ ބާއްވަން ނިންމާފައި ވަނީ ކާނިވަލުގަ އެވެ.
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަަމަށް ދެ ޕާޓީގެ ކައުންސިލްގައި މަޝްވަރާކޮށް ނިންމީ މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ފަސް އަހަަރަށް އެމަނިކުފާނު ޖަލަށް ލުމުންނެވެ. އޭރު ނިންމި ނިންމުމުގެ މައްޗަށް، ޕްރައިމަރީއަކަށް ނުގޮސް އެމަނިކުފާނާ ޓިކެޓް ހަވާލުކުރަން ޕީޕީއެމް/ޕީއެންސީގެ ކައުންސިލުން ވަނީ މި ހަފުތާގައި ވަނީ ރުހުންދީފަ އެވެ.
ޕީޕީއެމުގެ ރިޔާސީ ކެންޑިޑޭޓަކު ޕްރައިމަރީއަކާ ނުލައި ހޮވުމާ ގުޅިގެން އަމާޒުވާ ފާޑުކިއުންތަކަށް ދެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ، ޔާމީންއާ ވާދަކުރައްވަން ޝައުގުވެރިވާ އެއްވެސް ބޭފުޅަކު ނެތް ކަމަށެވެ. ޕްރައިމަރީއަކަށް ހުޅުވާލައި ބޮޑު ހޭދައެއް ކުރުމަށް ވުރެން ބޮޑަށް ކައުންސިލުން ނިންމީ ގިނަ ރައްޔިތުންގެ ހުށަހެޅުމުގެ މައްޗަށް ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ޔާމީން ހަމަޖެއްސެވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެތޯ ކަށަވަރުވާނީ ކޯޓުގެ ހުކުމުންނެވެ.
މަނީ ލޯންޑްރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެ ނަމަ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތެއް އުނިވާނެ އެވެ. އެކަމަކު، އެ ހާލަތު ނާންނާނެ ކަމަށާއި އެމަނިކުފާނުގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.