އެމްޕީއެލް ފްލެޓް ފައިސާ ދެއްކުން ލުއިކޮށްދޭން މިނިސްޓަރުގެ ކިބައިން މުވައްޒަފުން އެދިއްޖެ
އެމްޕީއެލް ފްލެޓް ފައިސާ ދެއްކުން ލުއިކޮށްދޭން މިނިސްޓަރުގެ ކިބައިން މުވައްޒަފުން އެދިއްޖެ

އެމްޕީއެލްގެ ހައުސިން ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ތިން ޓަވަރުން ފްލެޓް ލިބުނު މީހުންނަށް ފައިސާ ދެއްކުމަށް ކުންފުނިން ލުއި ގޮތްތަކެއް ހޯދައިދީފައިނުވާ ކަމަށް ބުނެ އެކަން ބަލައިދޭން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ކިބައިން ފްލެޓް ލިބުނު މީހުން އެދިއްޖެ އެވެ.

ފްލެޓް ލިބުނު މީހުންގެ ފަރާތުން މިނިސްޓަރަށް އިއްޔެ ފޮނުވި ސިޓީގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިތަކުން ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުއާ ގުޅޭ މައްސަލަ، މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ބަލާ ނިންމައި 2021 ވަނަ އަހަރުގެ ތިން ވަނަ ދައުރުގެ 44 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށެވެ.

އެެ ރިޕޯޓުގައި ފްލެޓްތަކުގެ ހަގީގީ މަންފާއެެއް މުވައްޒަފުންނަށް ހޯދައިދިނުމަށާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ފްލެޓްތައް ލިބިދިނުމަަށް، އެ ފަރާތްތަކުން ފްލެޓަށް ދައްކަންޖެހޭ ފައިސާ ދެއްކޭނެ ނުވަތަ ފައިނޭންސްކުރާނެ ވީހާވެސް ލުއި ގޮތްތަކެއް ހޯދައިދިނުމަށް އަންގާފައިވާ ކަމަށް ސިޓީގައިވެ އެވެ.

އެ ސިޓީގައި ބުނީ ހައުސިން ޕްރޮޖެކްޓްގެ ދަށުން މުވަައްޒަފުންނަށް ފްލެޓް ދޫކުރުމަށް އެކުލަވާލެވިފައިވާ އުސޫލުތައް ހުރީ އެންމެ ހަރުދަނާކޮށް ނޫން ކަމަށާއި އެހެންވެ އުސޫލުތައް ހަދާއިރު މިނިސްޓްރީން ކަނޑައަޅާފައިވާ ގައުމީ ބޯހިޔާވަހިކަމުގެ ސިޔާސަތާ އެއްގޮތަށް ފްލެޓްތައް ދޫކުރުމުގެ އުސޫލު ބައްޓަންކުރުމަށް ކޮމިޓީގައި ރިޕޯޓުގައިވާ ކަމަށެވެ. އެ ފްލެޓްތައް ދިނުމުގައި ކުންފުނިތަކުގައި ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް އިސްކަންދިނުމަށް ވެސް ކޮމިޓީގެ ރިޕޯޓުގައި ބާރު އަޅަ އެވެ.

އެކަމަކު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިތަކުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއު ގުޅޭ މައްސަލަ، މަޖިލީހުން ދިރާސާކޮށް ނިންމި ގޮތާ އެއްގޮތަށް އަމަލުކުރަމުން ނުދާ ކަމަށް އޭގައިވެ އެވެ.

ސިޓީގައި ބުނީ އެމްޕީއެލްގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން އެ ކުންފުނީގެ ފްލެޓްތައް ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ބައެއް މުވައްޒަފުންނާއި އެ މުވައްޒަފުންގެ އަނބިން ނުވަތަ ފިރިންނަށް ހިޔާ މަޝްރޫއު އިން ވެސް ފްލެޓް ލިބިފައިވާ ކަމަށެވެ. ހިޔާ ފްލެޓް ލިބިފައިވަނިކޮށް ކުންފުނީގެ ފްލެޓް އެފަދަ މުވައްޒަފުންނަށް ލިބި ފައިނަލްކޮށްފައިވާ ކަމަށް ވެސް ސިޓީގައި ބުންޏެވެ.

އެމްޕީއެލްގެ މުވައްޒަފުން ފާހަގަކުރާ އަނެއް ކަންބޮޑުވުމަކީ ޑައުންޕޭމަންޓް ދައްކަން މުވައްޒަފުންނަށް ދީފައިވާ މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތަކަށް ނުވާތީ އޮތް ކަންބޮޑުވުމެވެ. ފްލެޓް ލިބިފައިވާ މުވައްޒަފުންގެ ތެރެއިން 99 ޕަސެންޓް މުވައްޒަފުންނަކީ ކުއްޔަށް މާލޭގައި އުޅޭ މުވައްޒަފުން ކަމަށާއި ދެ ކެޓަގަރީގެ މުވައްޒަފުންނަށް ދެ ތަނަށް ކުލި ދައްކަމުން ފްލެޓަށް ޑައުންޕޭމަންޓް ހަމަކުރުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.

"އެކަމުގެ [ޑައުންޕޭމަންޓް މައްސަލަ] ކަންބޮޑުވުން ފާޅުކޮށް މުވައްޒަފުން ވަނީ ޕެޓިޝަނެއް އެމްޕީއެލްއަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ރިއާޔަތްކޮށް ޑައުންޕޭމަންޓް ދެއްކޭނެ ލުއިގޮތްތަކެއް ހަމަޖައްސައިދީފައެެއް ނުވެ އެވެ،" އެ ސިޓީގައިވެ އެވެ.

އެހެންވެ މުވައްޒަފުންގެ ފަރާތުން އެދިފައި ވަނީ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް އަމަލުކުރުމަށް އެމްޕީއެލްގައި ދަންނަވައިދިނުމަށް އެދިފަ އެެވެ.

އެމްޕީއެލުން ފްލެޓް ލިބުނު މީހުންނަށް އަންގާފައި ވަނީ އެމްޕީއެލްގެ ސްކީމުގެ ދަށުން ޑައުމްޕޭމަންޓް ދައްކާ ނަމަ، ފުރަތަމަ ތިން މަހުގެ ތެރޭގައި 150،000ރ. ދައްކަން ޖެހެ އެވެ. އެއީ ކޮންމެ މަހަކަށް ބަލާ ނަމަ 50،000ރ. އެވެ. ބާކީ 150،000ރ. ކޮންމެ މަހަކު 25،000ރ. ގެ އުސޫލުން ދައްކަމުން ދެވިދާނެ ކަމަށެވެ. ދެން އޮތް ގޮތަކީ ބޭންކު ލޯނު މެދުވެރިކޮށް ޑައުންޕޭމަންޓް ދެއްކުމާއި އެއް ފަހަރާ އެ ފައިސާ ދެއްކުމެވެ.

ފްލެޓް ލިބޭ މީހުންގެ މެދުގައި މިދިޔަ ޖޫން މަހު އެމްޕީއެލުން ގުރު ނަގާފައިވާއިރު އެ ކުންފުނީގައި ހިމެނެނީ 534 ފްލެޓެވެ. އެއީ އެއް ކޮޓަރީގެ 204 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 330 އެޕާޓްމަންޓެވެ.

އެ ފްލެޓްތައް މިހާރު ހުރީ ގާތްގަނޑަކަށް ނިމިފަ އެވެ. ފައިނަލް ފިނިޝިންގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ވަރަށް އަވަހަށް އެތަނަށް ވަދެވޭނެ ކަމަށް އެމްޕީއެލުން ބުނެ އެވެ.