03 އޯގަސްޓް 2022 - 08:03

އޭ ލިސްޓުގެ ތިން ތަރިން އެކުގައި މަސައްކަތްކުރާ ފިލްމު، "ޖީ ލޭ ޒަރާ" ފިލްމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަަށް ފިލްމުގެ އެއް ލީޑު ތަރި، އާލިއާ ބަޓް ބުނެފި އެވެ.
އާލިއާ އާއި ޕްރިޔަންކާ ޗޯޕްރާ އަދި ކެޓްރީނާ ކައިފް އެކުގައި މަސައްކަތްކުރާ ފިލްމު މިދިޔަ އަހަރު އިއުލާންކުރި ފަހުން އެ ފިލްމާ ގުޅޭ ގޮތުން މާބޮޑު އަޕްޑޭޓެއް ނުދެ އެވެ. އެހެންވެ ތިން ތަރިން ބިޒީވެގެން އެ ޕްރޮޖެކްޓް ފަސްކުރީ ކަމަށް ވެސް އަޑުއެރި އެވެ. އަދި ލީޑު ތަރިން ބަދަލުކުރާ ވާހަކައެއް ވެސް ދެކެވުނެވެ.
އެކަމަކު އާލިއާ މިވަނީ ފަރްހާން އަޚްތަރު ޑައިރެކްޓްކުރާ އެ މަސައްކަތް ކުރިއަށް އެބަ އޮތް ކަމަށް ބުނެފަ އެވެ. ފިލްމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށާއި ފިލްމު އަންނަ އަހަރު ރިލީޒްކުރާނެ ކަމަށް ވެސް އާލިއާ ބުނެ އެވެ.
މި ވަގުތު އާލިއާ ބަލިވެ އިނުމާ އެކު ފިލްމުގެ މަސައްކަތް މިއަހަރު ނުކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އެކަމަކު ފިލްމު ދޫކޮށްނުލާނެ ކަމަށާއި އެ ޕްރޮޖެކްޓަށް ވަރަށް އެކްސައިޓްވެފައިވާ ކަމަށް ވެސް އޭނާ ބުނެ އެވެ.
'މިއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް. ފިލްމުގެ މަސައްކަތަށް ކެތްމަދުވެފައި މިހުރީ." އާލިއާ ބުންޏެވެ.
އަންހެން ތިން އެކުވެރިންގެ ވާހަކަ ކިޔައިދޭ މި ރޯޑް-ޓްރިޕް ފިލްމަކީ ފަރުހާނާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓުން ހަދާ ފިލްމެކެވެ. އެ ފިލްމުގެ ރޯލަކުން ފަރްހާން ވެސް ފެންނާނެ އެވެ.
އެ ފިލްމާ ބެހޭ މާބޮޑު މައުލޫމާތެއް އަދި އާންމެއް ނުކުރެ އެވެ.