03 ޖެނުއަރީ 2017 - 10:19

ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނަށް ތަމްރީން ދިނުމަށް އުފެއްދި ޖުޑިޝަލް ޓްރެއިނިން ސެންޓަރު (ޖޭޓީސީ) އުވާލުމުން، އެތަނުގައި ވަޒީފާ އަދާކުރި މީހުން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ގަރާރަކުން މިދިޔަ އަހަރު ކުރީކޮޅު ޖުޑިޝަލް އެކަޑަމީ އުފެއްދުމާ އެކު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމީ ވިލިމާލޭގައި ހިންގަމުން އައި ޖޭޓީސީ އުވާލައި، އެ ތަނުގައި އޮތް ހަ މަގާމެއް ވެސް އުވާލައި، އެ މަގާމުތަކުގައި ތިބި މުވައްޒަފުން ވަޒީފާ އިން ވަކި ކުރުމަށެވެ.
ވަކިކުރި ހަ މުވައްޒަފުންގެ ފަރާތުން އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން މިދިޔަ ހަފުތާގެ ބުދަ ދުވަހު ޓްރައިބިއުނަލުން ނިންމީ އޭގެ ތެރެއިން ފަސް މުވައްޒަފަކު ވަކިކުރީ ރަނގަޅަށް ކަމަށެވެ. ސަބަބަކީ އެ މީހުން ވަކިކުރީ ޖުޑިޝަލް އެކަޑަމީ ގާއިމުކުރުމުން، ޖޭޓީސީ އުވާލަން ނިންމުމުން ކަމަށްވާތީ އާއި އެ މީހުން ވަކި ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖްރާއާތު ފުރިހަމަ ކޮށްފައިވާތީ ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައިވެ އެވެ.
ހަ މީހުންގެ ތެރެއިން ބާކީ ހުރި މީހާގެ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައި ވަނީ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަން އޮންނަ ތިން މަސް ދުވަހުގެ ފަހުން ކަމަށް ވާތީ އެ މައްސަލަ ބެލެން ނެތް ކަމަށް ވަނީ ނިންމައިފަ އެވެ.
ޖުޑިޝަލް އެކަޑަމީ އުފެދުމާ އެކު ވަކީލުންނާއި ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނަށް ތަމްރީނު ދޭނީ އެތަނުންނެވެ. އެތަން ހިންގަނީ ސުޕްރީމް ކޯޓުގެ ދަށުންނެވެ.