03 އޯގަސްޓް 2022 - 08:04

ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ ކުރިއަށް އޮތް ފިލްމު، "ލާލް ސިންގް ޗައްދާ" ބޮއިކޮޓްކުރުމަށް ގޮވާލަމުންދާތީ ފިލްމު ބޮއިކޮޓް ނުކުރުމަށް އާދޭހާ އެކު އޭނާ އެދިއްޖެ އެވެ.
"ބޮއިކޮޓް ލާލް ސިންގް ޗައްދާ" ޓްވީޓާގައި ޓްރެންޑުވެ ފުރަތަމަ ފަހަރަށް އެކަމާ ގުޅިގެން އާމިރު ވާހަކަ ދައްކަމުން ބުނީ ފިލްމު ބޮއިކޮޓްކުރުމަށް ގޮވާލަމުންދާ ގިނަ މީހުންނަށް ހީވެފައިވަނީ އޭނާއަށް އިންޑިއާ އެހާ ކަމުނުދާ ކަމަށެވެ.
"އެމީހުންގެ ހިތުން އެގޮތަށް [އިންޑިއާ ދެކެ ލައިކްނުވާ ކަމަށް] ގަބޫލުކުރަނީ. އެކަމަކު އެއީ ހަގީގަތެއް ނޫން،" އާމިރު ބުންޏެވެ.
އާމިރު ބުނީ އޭނާ ގައުމު ދެކެ ވަރަށް ލޯބިވާ ކަމަށާއި އޭނާއަށް އަމިއްލަ ގައުމު ކަމުނުދާ ކަމަށް ބަޔަކަށް ހީވާތީ ދެރަވާ ކަމަށެވެ. ފިލްމަށް "ފެއާ" ޗާންސެއް ދިނުމަށް އާމިރު އޯޑިއަންސްގެ ކިބައިން އެދުނެވެ.
"އަހަރެން އެދެނީ އަހަރެންގެ ފިލްމު ބޮއިކޮޓް ނުކުރުމަށް. ފިލްމު ބަލަން ދިއުމަށް އެދެން."
އެ ފިލްމު ބޮއިކޮޓްކުރަން ގޮވަން ފެށީ 2015 ގައި އާމިރު ދިން އިންޓަވިއުއެއްގެ ތަންކޮޅެއް ވައިރަލްވެ އެވެ. އޭގައި އޭނާ ބުނަނީ އިންޑިއާގައި މީހުން ހިޔާލުތައް ބަލައިގަންނަން ގިނަ ބަޔަކަށް ނޭނގޭތީ އެހެން ގައުމަކަށް ބަދަލުވުމަށް އޭނާގެ ކުރީގެ އަނބިމީހާ ކިރަން ރާއޯ ސަޖެޓްކުރާ ކަމަށެވެ. އެ ވީޑިއޯ ވައިރަލްކޮށްގެން އެ މައްސަލައާ ގުޅިގެން ފިލްމު ބޮއިކޮޓްކުރަން ގޮވަނީ އެވެ.
އާމިރު ހާނާއި ކަރީނާ ކަޕޫރު ބައިވެރިވާ އެ ފިލްމަކީ ހޮލީވުޑް ފިލްމު ފޮރެސްޓް ގަމްޕްގެ ހިންދީ ފިލްމެކެވެ. ފިލްމު ރިލީޒްކުރާނީ މިމަހުގެ 11 ގަ އެވެ.
އަދްވައިތު ޗަންދަން ޑައިރެކްޓްކުރާ އެ ފިލްމުގައި އާމިރު ފެންނާނީ ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ރޯލުންނެވެ. އެކަމަކު އޭނާގެ މަންމަ އޭނާއަށްޓަކާ ކުރާ އުއްމީދުތަކާއި ބުރަ މަސައްކަތް ފިލްމުން ދައްކުވައިދެ އެވެ.