02 އޯގަސްޓް 2022 - 13:31

ކުޑަކުދިންނާ ގުޅޭ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ޖޫން މަހު ރިޕޯޓްކުރިއިރު އޭގެ ތެރޭގައި އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތައް ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހުގެ ރިޕޯޓްކޮށްފައި ވަނީ 248 މައްސަލަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނާ ގުޅޭ 126 މައްސަލައެއް ހިމެނެ އެވެ.
ޖޫން މަހު ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ. ކުދިންނަށް އިހުމާލުވެގެން 28 މައްސަލައެއް ރިޕޯޓްކުރިއިރު ގެވެށި އަނިޔާ ދެއްކުން ނުވަތަ ފެނުމުގެ 27 މައްސަލައެއް ހިމެނެ އެވެ.
ނަފްސާނީ އަނިޔާގެ 26 މައްސަލައަކާއި ޖިންސީ އަނިޔާގެ 24 މައްސަލައަކާއި ޖިސްމާނީ އަނިޔާގެ 16 މައްސަލައެއްގެ އިތުރުން ބުލީގެ ޝިކާރައަކަށްވުމުގެ ތިން މައްސަލައަކާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ މައްސަލައެއް ވެސް ޖެންޑާއަށް ރިޕޯޓްކޮށްފައިވެ އެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ 40 މައްސަލައެއް ވެސް މިދިޔަ މަހު ރިޕޯޓްކޮށްފައިވެ އެވެ. އަދި އާއިލީ 26 މައްސަލައަކާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާ ގުޅޭ 20 މައްސަލައެއްގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލައެއް އަދި ކުޑަކުދިންގެ އަހުލާގާ ގުޅޭ 12 މައްސަލައަކާއި ކުދިންގެ ހައްގުތަކާ ގުޅޭ ހަތަރު މައްސަލައެއް ވެސް ޖޫން މަހު ރިޕޯޓްކޮށްފައިވެ އެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ އަދަދަކީ 196 އެކެވެ. އޭގެ ތެރެއިން ހަތަރު ކުދިންނަކީ ޖޫން މަހު ދައުލަތުގެ ބެލުމުގެ ދަށަށް ނެގި ކުދިންނެވެ. ހަ ކުއްޖަކު ރީއިންޓަގްރޭޓް ކުރެވި އެއް ކުއްޖަކު ފޯސްޓާކޮށްފައިިވެ އެވެ.