02 އޯގަސްޓް 2022 - 11:21

އެމެރިކާ އާއި އިޒްރޭލުގެ ކަނޑުގެ ސިފައިން ބައިވެރިވާ، ކަނޑުމަތީގެ އަސްކަރީ ފަރިތަކުރުންތަކެއް ރަތް ކަނޑުގެ ސަރަހައްދުގައި އެ ދެ ގައުމުން އިއްޔެ ފަށައިފި އެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަރާތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ފަރިތަކުރުންތަކުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރު ޔޫއެސްއެންއެސް މެތިއު ޕެރީ، ޔޫއެސްއެސް ނިޓްޒް އަދި ޔޫއެސްއެސް ލުވިސް ބީ ޕުލާ ބައިވެރިވެ އެވެ. މީގެ ތެރެއިން، 400 ސިފައިންނާ އެކުގައި ދަތުރުކުރާ ޔޫއެސްއެސް ނިޓްޒްއަކީ ވައިގެ ތެރެއިން ވައިގެ ތެރެއަށް ފޮނުވައިލާ ޒާތުގެ މިސައިލާއި، ދުރުގައިވާ އެއްގަމު އަމާޒުތަކަށް ހަމަލާދިނުމަށް ބޭނުންކުރާ ދުރު ރާސްތާގެ ކްރޫޒް މިސައިލާއި ސަބްމެރިންތަކަށް ހަމަލާ ދިނުމަށް ބޭނުންކުރާ ޓޮރްޕީޑޯ ބޭނުންކުރެވޭ މަނަވަރެކެވެ.

ޔޫއެސްއެސް ލުވިސް ބީ ޕުލާއަކީ އަސްކަރީ ކާބޯ މަނަވަރެއްގެ ގޮތުގައި ބޭނުންކުރާ، އަދި މެރިން ސިފައިން އުފުލާ އުޅަނދެއްގެ ގޮތުގައި ބޭނުންކުރާ މަނަވަރެކެވެ. އަދި ޔޫއެސްއެންއެސް މެތިއު ޕެރީއަކީ ލޮޖިސްޓިކަލް މަދަދު ފޯރުކޮށްދޭ އުޅަނދެކެވެ.
މި ތަމްރީނުތަކުގައި އިޒްރޭލުގެ ކަނޑުގެ ސިފައިންގެ ފަރާތުން ބައިވެރިވާނީ ދެ މަނަވަރެކެވެ. އެއީ އައިއެންއެސް އީލާތު އާއި އައިއެންއެސް ކެޝެތު އެވެ. މި ދެ މަނަވަރަކީ ވެސް މަދު އަދަދެއްގެ ސިފައިން ހިމެނޭ، ނަމަވެސް ގިނަ އަދަދެއްގެ ހަތިޔާރު އުފުލާ ދެ މަނަވަރެވެ.
އެމެރިކާ އިން ބުނާ ގޮތުގައި މި ތަމްރީންތަކަކީ، އީރާނުން ޔަމަންގެ ހޫތީންނަށް ފޮނުވާ ހަތިޔާރު ހިފައިގެން ދަތުރުކުރާ އުޅަނދުތަކަށް ފާރަލައި އެފަދަ އުޅަނދުތައް ހިފެހެއްޓުމުގައި އެއްބާރުލުމާ ބެހޭ ގޮތުން އެމެރިކާ އާއި އިޒްރޭލާ ދެމެދު މިދިޔަ އެޕްރީލް މަހުގެ ވެފައިވާ އެއްބަސްވުމުގެ ދަށުން ބާއްވާ ތަމްރީންތަކެކެވެ. އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސް ވަނަ ލަޝްކަރުގެ ސިފައިންނާއި އިޒްރޭލުގެ ކަނޑުގެ ސިފައިން ބައިވެރިވާ މި ތަމްރީންތަކުގައި. ރަތް ކަނޑުގެ ސަރަހައްދުގައި ދަތުރުފަތުރު ކުރުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ފަރިތަކުރުންތައް އޮންނާނެ އެވެ.
އޭގެ އިތުރުން ކަނޑު ތެރެއަށް މައިން އެޅުން ހުއްޓުވުމާއި ހަތިޔާރުގެ ވަގު ވިޔަފާރި ހުއްޓުވުމުގައި އަމަލު ކުރާނެ ގޮތުގެ ފަރިތަކުރުންތަކެއް ވެސް ބާއްވާނެ ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިން ބުނެ އެވެ.
އެމެރިކާ އާއި އިޒްރޭލުން ރަތް ކަނޑުގެ ސަރަހައްދުގައި އަސްކަރީ ތަމްރީންތަކެއް މި ފެށީ، އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައިގައި، އީރާނަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އިއްޔެ އެޅުމަށް ފަހު އެވެ.