03 ޖެނުއަރީ 2017 - 10:41

ލަންޑަން (ޖެނުއަރީ 3) - ފާޑުކިޔުންތައް އަމާޒު ވިޔަސް ފަރުވާލެއް ނެތް ކަމަށާއި މިއީ ކާމިޔާބު އަހަރަކަށް ހަދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
ފާއިތުވި އަހަރުތަކުގައި ވެންގާގެ ކޯޗުކަމުގައި އާސެނަލަށް ބޮޑު ކާމިޔާބެއް ހޯދިފައި ނުވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވެންގާ އަަށް ވަނީ އަމާޒުވެފަ އެވެ. ލީގުގައި އެންމެ ފަހުން ރަށުން ބޭރުގައި ކުޅުނު ދެ މެޗުން އާސެނަލް ވަނީ މެންޗެސްޓާ ސިޓީ އާއި އެވަޓަން އަތުން ބަލިވެފަ އެވެ.
މިރޭ ރަށުން ބޭރުގައި ބޯންމައުތާ ދެކޮޅަށް ނުކުންނައިރު ވެންގާ ބުނީ އަމާޒަކީ އާ އަހަރުގެ ފުރަތަމަ މެޗުން މޮޅެއް ހޯދައި މިއީ ކާމިޔާބު އަހަރަކަށް ހެދުމަށް މަސައްކަތް ފެށުން ކަމަށެވެ.
"އެވަޓަން އާއި ސިޓީ އަތުން ރަށުން ބޭރުގައި ބަލިވީ ކުރިން އަހަރެމެން ލަނޑު ޖަހާފައި އޮއްވައި. އެހެންވުމުން މިރޭގެ މެޗުގައި ސަމާލުވާންޖެހޭ. ބޭނުމެއް ނޫން ރަށުން ބޭރުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވާން" ވެންގާ ބުންޏެވެ.
ލީގުގައި ރަށުންބޭރުގައި ޖެހިޖެހިގެން ތިން މެޗުން އެންމެ ފަހުން އާސެނަލް ބަލިވީ 2010 ވަނަ އަހަރު އެވެ.
ލީގުގައި އެންމެ ފަހުން ކްރިސްޓަލް ޕެލަސް އަތުން މޮޅުވި މެޗުގައި ލަނޑު ޖެހި އޮލިވިއޭ ޖިރޯ މިރޭގެ މެޗުގައި ފުރަތަމަ އެގާރައިން ފުރުސަތު ހޯދާނެ ކަަމަށް ބެލެވިފައިވާއިރު، މެސުޓް އޮޒިލް އާއި ކިއެރަން ގިބްސް އަދި ތިއޯ ވޮލްކޮޓް ތިބީ އަނިޔާގަ އެވެ. އަދި ކަޕް އޮފް ނޭޝަންގައި މިސްރު ޓީމަށް ކުޅުމަށް މުހައްމަދު އެލްނީނީ ވަނީ ރިލީސްކޮށްފަ އެވެ.
"ޖިރޯ ކުޅޭ ކޮންމެ މެޗަކު އޭނާ މުހިއްމު ލަނޑެއް ކާމިޔާބުކުރޭ. އަހަރެން އަބަދުވެސް ވަރަށް އިތުބާރުކުރާ ކުޅުންތެރިޔެއް އޭނާ އަކީ. އެކަމަކު ޓީމަށް އެންމެ ރަނގަޅު ފުރަތަމަ އެގާރަ އެ މެޗެއްގައި ނެގޭނީ،" ވެންގާ ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު ބޯންމައުތަށް އޮތް ހިތްހަމަނުޖެހުމަކީ ލޯން އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ކުޅޭ އާސެނަލްގެ މިޑްފީލްޑަރު ޖެކް ވިލްޝަޔާ އަށް މި މެޗުގައި ނުކުޅެވުމެވެ. އާސެނަލުން ބޯންމައުތަށް ވިލްޝަޔާ ދޫކުރި އެއްބަސްވުމުގައިވާ ގޮތުން ކުރީގެ ކްލަބާ ދެކޮޅަށް އޭނާ އަށް ނުކުޅެވޭނެ އެވެ.
ބޯންމައުތުގެ ކޯޗު އެޑީ ހޯވް ބުނީ އޭނާގެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ކުޅުންތެރިންނަށް އެއް ފެންވަރެއްގައި ކުޅުން ހިފަހައްޓަން އުނދަގޫވުން ކަމަށެވެ. އަދި އެކަން ރަނގަޅު ކުރުމުން ނޫނީ ކުރިޔަށް ފިޔަވަޅެއް އަޅަން އުނދަގޫވާނެ ކަމަށް އޭނާ ބުންޏެވެ.
އާސެނަލާއި ބޯންމައުތު ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.