ފްލެޓް ކުޑަދޮރުން ފެން ވަންނަ މައްސަލަ ހައްލުކުރަން ފަށައިފި
ފްލެޓް ކުޑަދޮރުން ފެން ވަންނަ މައްސަލަ ހައްލުކުރަން ފަށައިފި

ހިޔާ ފްލެޓްތަކުގެ ކުޑަދޮރުން ފެން ވަންނަ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެޗްޑީސީން މިއަދު ފަށައިފި އެވެ.

ބޯކޮށް ވާރޭވެހޭ ދުވަސްވަރުގައި ހިޔާގެ ބައެއް ފްލެޓްތަކުގެ ކުޑަދޮރުތަކުގެ ކައިރިން ކޮޓަރި އަށް ފެން ލީކުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށާފައި މިވަނީ އެކަމަށް ބޭނުންވާ ސާމާނު ލިބުމާ އެކު އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ފެން ވަންނަ މައްސަލަ ހައްލުކުރުމުގެ މަސައްކަތްކުރާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 8:00 އިން ހަވީރު 5:30 ގެ ނިޔަލަށް ކަމަށެވެ.

އެ އިއުލާނާ އެކު އެޗްޑީސީން ވަނީ މަސައްކަތްކުރާނެ ގޮތުގެ ތާވަލެއް ވެސް އާންމުކޮށްފަ އެވެ. އޭގައިވާ ގޮތުން އެޗް1 އާއި އެޗް14 އަދި އެޗް16 ޓަވަރުގެ މަސައްކަތް ފެށިއިރު މި މަހުގެ 13 ގެ ނިޔަލަށް އެ މަސައްކަތްކުރި ކުރުމަށް ފްލެޓްތަކުގެ ވެރިންނަށް ގުޅާނެ އެވެ.

އެހެންވެ، އެޗްޑީސީން ވަނީ އެ ވަގުތުގައި ފްލެޓަށް ވަދެވޭނެ އިންތިޒާމު އަދި ކުޑަދޮރު ކައިރީ މަސައްކަތްކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސައިދިނުމަށް އެދިފަ އެވެ.

އެޗްޑީސީން ކުރިން ކުރި އިއުލާނުގައިވާ ގޮތުން ފްލެޓްތަކަށް ފެން ވަންނަ މައްސަލަ ހައްލުކޮށްދޭން ނިންމާފައި ވަނީ އެ ކޯޕަރޭޝަނަށް ޝަކުވާ ލިބުނު ތަރުތީބުންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ހިޔާ ފްލެޓްގައި މީހުން އުޅެން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުޑަދޮރުތަކުން ފެން ވަންނަ މައްސަލަ ބޮޑުވި އެވެ.

ސްލައިޑް ކުރެވޭ ގޮތަށް ހުންނަ އެ ކުޑަދޮރުތަކުގެ ތިރީބައިގައި ފެން ހަރުލާ އެތެރެއަށް ފެން ވަންނަނީ ވައިގަދަވެ ފްރޭމްގަނޑުގައި ހަރުލާ ފެން ބޭރުކުރުން ހަދާފައި ހުރި މެކޭނިޒަމް ފެއިލްވެގެން ކަމަށް ކުރިން އެޗްޑީސީން ބުނެފައިވެ އެވެ.