ވިޖޭގެ ސަޕޯޓަރުން ގިނަވެ "ލައިގާ" ޕްރޮމޯޝަން އިވެންޓް ނުބޭއްވުނު
ވިޖޭގެ ސަޕޯޓަރުން ގިނަވެ "ލައިގާ" ޕްރޮމޯޝަން އިވެންޓް ނުބޭއްވުނު

އިންޑިއާގައި މަގްބޫލު ޒުވާން އެކްޓަރު ވިޖޭ ދެވަރަކޮންޑާ ކުޅޭ ފުރަތަމަ ހިންދީ ފިލްމު، "ލައިގާ" ގެ ޕްރޮމޯޝަން އިވެންޓަކުން ވިޖޭ ފެނިގެން އޭނާއާ ބައްދަލުކުރުމަށް އެ ސަރަހައްދަށް ސަޕޯޓަރުން އެއްވުމުގެ ސަބަބުން އިވެންޓް މެދުކަނޑާލަން ޖެހިއްޖެ އެވެ.

"އަރްޖުން ރެޑީ" އާއި "ޑިއާ ކޮމްރޭޑް" ކަހަލަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ތެލޫގޫ އެކްޓަރު ވިޖޭގެ ކުރިއަށް އޮތް ފިލްމަކީ ބޮކްސިން އަށް ބިނާކޮށް ހަދާފައިވާ ސްޕޯޓްސް އެކްޝަން ފިލްމެކެވެ.

އެ ފިލްމު އެކި ތަންތަނުގައި ޕްރޮމޯޓްކުރަމުން އަންނައިރު އެންމެ ފަހުން ވިޖޭ އާއި އޭނާއާ އެކު ފިލްމުގައި ފެންނަ އަނަންޔާ ޕާންޑޭ، މުމްބާއީގެ މޯލަކަށް ދިއުމުން، އެންމެން ވިޖޭއޭ ކިޔާފައި ގޮވަން ފެށި ކަމަށްވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި އޮތް އެ ސަރަހައްދުން ވިޖޭގެ އަންހެން ސަޕޯޓަރުންތަކެއް ވެސް އޭނާ ފެނިގެން ހޭނެތުނެވެ.

ވިޖޭ ސްޓޭޖަށް އެރުމާ އެކު ސަޕޯޓަރުން އޭނާއާ ބައްދަލުކުރަން ބޭނުންވެ މުޅި ތަން ތޮއްޖެހުމުގެ ސަބަބުން އެންމެ ފަހުން އިވެންޓް މެދުކަނޑާލާފައި ވިޖޭ އާއި އަނަންޔާ އެތަން ދޫކޮށްދިޔައީ އެމީހުން ރައްކާތެރިކަމަށްޓަކާ ކަމަށްވެ އެވެ. އިވެންޓް އިންތިޒާމްކުރި މީހުން ވެސް ވަނީ އެތަނަށް އެއްވި މީހުން ގިވެގެން އެކަމާ ހައިރާންވެފަ އެވެ.

ފިލްމުގެ ޓްރެއިލާ އިއްޔެ އިއުލާން ކޮށްފައިވާއިރު، ޓްރެއިލާ އިން ބޮކްސިން ރިންގްގެ ތެރެއިން ބޮޑު ކުރިމަތިލުންތަކެއް ފެނެ އެވެ. ފިލްމުގައި އެމެރިކާގެ ބޮކްސިން ލެޖެންޑް މައިކް ޓައިޒަން ފެންނާނެ އެވެ.

ޓްރައިލާގައި ވިޖޭ އާއި ޒުވާން ތަރި އަނަންޔާ ޕާންޑޭގެ ލޯބީގެ ކަންތައްގަނޑެއް ވެސް ފެނެ އެވެ.

ވިޖޭ އެތަން ދޫކޮށް ދިއުމުގެ ކުރިން ވަނީ އޭނާގެ ސަޕޯޓަރުންނަށް މުހާތަބުކޮށް މަރާޓީ ބަހުން ވާހަކަ ވެސް ދައްކައިފަ އެވެ.

. ކޯ ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ އަނަންޔާ އެކު މުމްބާއީގައި ހުރެފައި ސީދާ އެ ހަރަކާތަށް ހައިދަރުއާބާދަށް ގޮސްފަ އެވެ.

ޑައިރެކްޓަރު ޕޫރީ ޖަގަންނަދުގެ އެ ފިލްމުގައި އަނަންޔާ އާއި ވިޖޭގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދެ އެވެ. ކަރަން ޖޯހަރު ކޯ ޕްރޮޑިއުސްކުރާ އެ ފިލްމު ރިލީޒްކުރާނީ މިމަހުގެ 25 ގަ އެވެ.