ޕްރައިމަރީއެއް ބޭއްވިޔަސް ޔާމީނާ ވާދަކުރާނެ މީހަކު ނުހުންނާނެ: އާދަމް ޝަރީފް
ޕްރައިމަރީއެއް ބޭއްވިޔަސް ޔާމީނާ ވާދަކުރާނެ މީހަކު ނުހުންނާނެ: އާދަމް ޝަރީފް

ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައަޅަން ޕީޕީއެމާއި ޕީއެންސީގައި ރިޔާސީ ޕްރައިމަރީއެއް ބޭއްވިޔަސް ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ވާދަކުރަން ނުކުންނަވާނެ ބޭފުޅަކު އެ ދެ ޕާޓީގައި ވެސް ނުހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމާއި ޕީއެންސީގެ ކައުންސިލުން ރޭ ވަނީ ޕްރައިމަރީއަކާ ނުލައި ޔާމީނަށް ރިޔާސީ ޓިކެޓް ދީފަ އެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕްރައިމަރީއަކާ ނުލައި ޔާމީނަށް ޓިކެޓް ހަވާލުކުރީ، ޕީޕީއެމްގައި އިސްކޮށް އުޅުއްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި ގައުމުގެ މިވަގުތުގެ ހާލަތުގެ ގޮތުންނެވެ.

ގައުމު މިހާރު އޮތް ހިސާބުން ހަމައަކަށް އެޅުއްވޭނެ ހަމައެކަނި ލީޑަރަކީ ޔާމީންކަން އެމަނިކުފާނުގެ ފުރަތަމަ ވެރިކަމުގައި ސާބިތުކޮށްދެއްވާފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ.

ޕްރައިމަރީއަކާ ނުލައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކަށް ޔާމީން ހަމަޖެއްސެވުމަކީ ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޕީޕީއެމާއި ޕީއެންސީގައި ތިއްބެވި ޓިކެޓް ބޭނުންވާ ބޭފުޅުންނަށް ދޮރު ބަންދުވުމެވެ. ޔާމީންގެ ފުރަތަމަ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުވައި އެމަނިކުފާނުގެ މައްޗަށް މި ވެރިކަމުގައި ދައުވާތަކެއް އުފުލައި ޝަރީއަތް ހިނގާތީ އިންތިހާބުގައި ވާދަކުރެއްވުމުގެ މަގު ބަންދުވުމުގެ ފުރުސަތު އޮތް ކަމަށް އެ ދެ ޕާޓީގެ ބައެއް ބޭފުޅުން ވެސް ގަބޫލުކުރައްވަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ވެރިކަމަކަށް، ޔާމީނަށް މަރުހަބާ ވިދާޅުވެ އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ކޯލިޝަންގެ ހުރިހާ ސަޕޯޓަރުންނާއި ގައުމު ދެކެ ލޯބިވާ އެންމެން ބޭނުންވަނީ އެމަނިކުފާނުގެ ވެރިކަމެއް ކަމަށެވެ. އެހެންކަމުން ހަރަދުތަކެއް ކޮށްގެން ޕްރައިމަރީ ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ޕްރައިމަރީ ބޭއްވިޔަސް ރައީސް ޔާމީންއާ ވާދަކުރަން ބޭނުންވާ އެކަކު ވެސް ޕީޕީއެމް، ޕީއެންސީއަކު ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުވައިގެން ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ސުޕްރީމް ކޯޓާ ހަމައިން އެމަނިކުފާނު މިނިވަންވެ އިންތިހާބުގައި ވާދަކުރައްވަން ގާނޫނީ ގޮތުން ބަންދުވެފައި އޮތް ހުރަހެއް މިހާރަކު ނެތެވެ. އެކަމަކު އެމަނިކުފާނުގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާތަކުގައި ޖަލު ހުކުމެއް އިއްވައިފި ނަމަ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލޭނެ އެވެ.

ޔާމީންގެ މައްޗަށް މިހާރު ދައުވާއެއް ހިނގަނީ، އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. މީގެ އިތުރުން ރ. ފުއްގިރި މައްސަލައިގައި ވެސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރެ އެވެ.