03 ޖެނުއަރީ 2017 - 09:09

ލަންޑަން (ޖެނުއަރީ 3) – ޗެލްސީގެ ނައިޖިރީއާ މިޑްފީލްޑަރު ޖޯން އޮބީ މިކޭލް ސްޕެއިނުގެ ވެލެންސިއާ އަށް އަދި މެންޗެސްޓާ ޔުނައިޓެޑުގެ ފްރާންސް މިޑްފީލްޑަރު މޯގަން ޝްނެއިޑެލިން އިންޓަ މިލާނަށް ބަދަލުވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
ވެލެންސިއާގެ ސްޕޯޓިން ޑިރެކްޓަރު ޖީސަސް ގާސިއާ ވަނީ މިކޭލްއާ އެކު މަޝްވަރާތައް ބާއްވާފައިވާކަން ކަށަވަރުކޮށްދީފަ އެވެ. މި ސީޒަނުގައި މިހާތަނަށް މިކޭލް އަށް ޗެލްސީން ފުރުސަތެއް ނުލިބެ އެވެ. އޭނާގެ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާތީ ކުޑައަގެއްގައި އޭނާ ޖެނުއަރީ މަހު ޗެލްސީން ވިއްކާލުމުގެ ފުރުސަތު އެބައޮތެވެ.
"ޗެލްސީގެ ހުއްދައާ އެކު އަހަރެން އޮބި މިކޭލްއާ ވާހަކަދައްކައިފިން. އޭނާ ބުނި ވިސްނާނަމޭ،" ގާސިއާ ވިދާޅުވި އެވެ.
އުމުރުން 29 އަހަރުގެ މިޑްފީލްޑަރު ގެންދިއުމަށް އިންޓަ އާއި ފްރާންސުގެ މާސޭ އަދި ޗައިނާގެ ބައެއް ކްލަބްތަކުން ވެސް ޝައުގުވެރިވެ އެވެ. ނޯވޭގެ ލީން އިން 2006 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވެ އޭނާ ވަނީ އެ ކްލަބަށް 374 މެޗު ކުޅެދީފަ އެވެ.
ވެލެންސިއާގެ ކޯޗު ސެސާ ޕްރަންޑެއްލީ އިސްތިއުފާ ދީފައިވާއިރު އެ ޓީމުން އަންނަނީ އާ ކުޅުންތެރިން ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ޔުވެންޓަސްގެ އިޓަލީ ފޯވާޑް ސިމޮނީ ޒަޒާ އަށް ވެސް ވެލެންސިއާ އިން އަންނަނީ ބަލަމުންނެވެ.
އަނެއްކޮޅުން މެންޗެސްޓާ ޔުނައިޓެޑުން ފުރުސަތު ނުލިބޭތީ ޝްނެއިޑެލިން ވެސް ކްލަބް ބަދަލުކުރަން ވިސްނަމުން އަންނައިރު މޮރީނިއޯ ބޭނުންވަނީ ޕްރިމިއާ ލީގުގެ ކްލަބެއްގެ ބަދަލުގައި އޭނާ އެހެން ލީގަކަށް ދޫކޮށްލާށެވެ. ޝްނެއިޑެލިން ގެންދަން އެންމެ ބޮޑަށް މަސައްކަތްކުރަނީ ޕްރިމިއާ ލީގުގެ އެވަޓަން އިންނެވެ. މޮރީނިއޯގެ މި ނިންމުމާ އެކު، އޭނާ ލިބުމުގެ ފުރުސަތު އެންމެ ބޮޑު އިޓަލީގެ އިންޓަ އަށެވެ. އެކަމަކު ޕްރިމިއާ ލީގުގެ ވެސްޓް ބްރޮމް އަށް ވެސް ދޫކޮށްލުމުގެ ކުޑަ ފުރުސަތެއް އެބައޮތެވެ. ސަބަބަކީ އެ ޓީމަކީ ޔުނައިޓެޑާ ވާދަކުރާ ޓީމެއް ކަމަށް ޔުނައިޓެޑުން ނުބަލާތީ އެވެ.
މެންޗެސްޓާ ޔުނައިޓެޑަށް 2015 ވަނަ އަހަރު ބަދަލުވުމުގެ ކުރިން ޝްނެއިޑެލިން ވަނީ 2008 އިން ފެށިގެން ޕްރިމިއާ ލީގުގެ ސައުތުހެމްޓަން އަށް 230 މެޗު ކުޅެދީފަ އެވެ.