މަސްކަށް ފާޑުކިޔުމުން ވަޒީފާއިން ވަކިކޮށްފި
މަސްކަށް ފާޑުކިޔުމުން ވަޒީފާއިން ވަކިކޮށްފި

މަހުޖަނު އީލޮން މަސްކްގެ ކުންފުނި ސްޕޭސް އެކްސްގެ މުވައްޒަފުންތަކެއް، މަސްކްގެ މަސައްކަތުގެ ސްޓައިލަށް ފާޑު ކިޔުމުން ވަޒީފާއިން ވަކިކޮށްފި އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ސްޕޭސް އެކްސްގެ ތެރޭގައި ވަނީ މުވައްޒަފުންގެ ސިޓީއެއް ދައުރުވެފަ އެވެ. މަސްކަށް ފާޑު ކިޔާފައި ވަނީ އެ ސިޓީގަ އެވެ.

ސިޓީގައި މުވައްޒަފުން ބުނެފައިވާ ގޮތުގައި މަސްކު އާންމުންގެ ތެރޭގައި އުޅުއްވަނީ މިހާރު ވަރަށް ބަލަން އުނދަގޫ ގޮތަކަށެވެ. އަދި މަސައްކަތް ކުރުމަށް އެއްވެސް ކަހަލަ ރަނގަޅު އާދަތަކަކާއި ސްޓްރެޓެޖީއެއް ނުގެންގުޅޭ ކަމަށް މުވައްޒަފުންގެ ސިޓީގައިވެ އެވެ.

މުވައްޒަފުންނާ ދޭތެރޭ ގެންގުޅޭ އަދަބުތަކާއި މުވައްޒަފުންނަށް އިހުތިރާމް ނުކުރުމަކީ ވެސް މުވައްޒަފުން ވަރަށް ހިތްހަމަނުޖެހޭ ކަންތައްތައް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ކުރިއަށް އޮތީ މާލީގޮތުން ދަތިވެދާނެ ދުވަސްތަކެއް ކަމަށް ލަފާކޮށް ހުރިހާ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓު އުނި ކުރުމުގެ ވިސްނުން މަސްކް ގެންގުޅެ އެވެ. އެކަމާ ގުޅޭގޮތުން ވެސް މުވައްޒަފުންތަކުގެ ސިޓީގައި ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހާ، އަދި އަމިއްލަ ނެޓް ވޯތުގައި 200 ބިލިއަން ޑޮލަރު އޮތް އިރު ވެސް އާންމު މުވައްޒަފުންގެ މުސާރައިން ކަނޑަން އުޅުމަކީ ލަދުގަންނަން ޖެހޭ ނިންމުމެއް ކަމަށް ސިޓީގައިވެ އެވެ.

މި ސިޓީއާ ގުޅިގެން ސްޕޭސް އެކްސްގެ ފަސް މުވައްޒަފެއް މިހާތަނަށް ވަނީ ވަޒީފާއިން ވަކި ކޮށްފަ އެވެ. އަދިވެސް އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.