01 އޯގަސްޓް 2022 - 12:43

މާލެ އާއި ވިލިމާލެ މޮނިޓާކުރުމަށް މާލޭ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ސްޕެޝަލް ކޮންސްޓެބިއުލަރީ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ އެ ހިދުމަތް ދިނުމުގައި 40 ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ހިދުމަތް ފެށީ، އެކަމަށް ފުލުހުން ތަމްރީނުކުރުމަށް ފަހުގައި ކަމަށް ބުންޏެވެ.
މާލޭގައި ސްޕެޝަލް ކޮންސްޓެބިއުލަރީގެ ހިދުމަތް ދިނުމަށް މާލެ ސިޓީ ކައުންސިލުން ފުލުހުންނާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ މި އަހަރު ފެބްރުއަރީ މަހުގަ އެވެ.
އެ ހިދުމަތުގެ ދަށުން މާލެ އާއި ވިލިމާލޭގެ މަގުމަތީގައި އުޅޭ މީހުންނަށް އުނދަގޫވެ، ނުރައްކާވާ ގޮތަށް ހަދާ އިމާރާތްތަކާއި އިމާރާތްތަކުގެ ޓެރަސް ފަދަ ތަންތަނާއި ބެލްކަނީތަކުގަޔާއި ގޭގޭގެ ފާރުމަތީގައި ތަކެތި ބެހެއްޓުމާއި، ރައްޔިތުންނަށް އުނދަގޫވާ ގޮތަށް އާންމު ތަންތަނުގައި ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމާއި އަދި މާލޭގެ ޕާކުތަކުގައި ކުރުން މަނާ ކަމަށް އެތަންތަނުގައި އާންމުކޮށްފައިވާ ފަދަ އަމަލުކުތައް ކުރުމުން ފިޔަވަޅު އެޅުން ހިމެނެ އެވެ.
ސިޓީ ކައުންސިލުން އިއްޔެ ވަނީ އެ ހިދުމަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ވެސް އާންމުކޮށްފަ އެވެ. އެ އުސޫލުގައި ބުނީ:
• އާންމު ތަންތަނަށް ކުނި އަޅާ ނަމަ 100ރ. - 500ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
• ހުއްދަ ނުނަގައި އާންމު ތަންތަނުގައި ތަކެތި ބަހައްޓާ ނަމަ 500ރ. - 2،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
• ގަވާއިދާ ހިލާފަށް ޕާކުކުރާ ނަމަ ޖޫރިމަނާކުރުމާއި ވެހިކަލް ޓޯކުރުން.
• ކައުންސިލުން ޕާކްކުރުން މަނާކޮށްފައިވާ ތަނެއްގައި ޕާކުކޮށްފި ނަމަ 100ރ. - 1،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
• މަގުމަތީގައި އުޅޭ މީހުންނަށް އުނދަގޫވެ ނުރައްކާވާ ގޮތަށް އިމާރާތްތަކާއިއިމާރާތްތަކުގެ ޓެރަސް
ފަދަ ތަންތަނާއި ބެލްކަނީތަކުގަޔާއި ގޭގޭގެ ފާރުމަތީގައި ތަކެތި ބަހައްޓާ ނަމަ 500ރ. - 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
• ހުއްދަ ނެތި އާންމު ތަންތަނުގައި ތަކެތި ބަހައްޓައިގެން ވިޔަފާރިކުރާ ނަމަ 500ރ. - 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
• ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނުގައި އެކަން ކުރާ ނަމަ ފިޔަވަޅު އެޅުން.
• ފުލުހުން ޕެޓްރޯލްކުރާ ސަރަހައްދުގައި ހިންގާ ގަވައިދާ ހިލާފު ކަންތައްތައް ހުއްޓުވައި ގާނޫނާއި ގަވާއިދާ އެއްގޮތަށް ފިޔަވަޅުއެޅުން.
އެ އުސޫލުގެ ދަށުން ކުރެވޭ ޖޫރިމަނާގެ ފައިސާ ދައްކަން ޖެހޭނީ މާލޭ ސިޓީ ކައުންސިލަށް ކަމަށް ބުންޏެވެ.
ސިޓީ ކައުންސިލާ އެކު ފުލުހުން ހެދި އެއްބަސްވުމުގައިވާ ގޮތުން ފުލުހުން އެ ހިދުމަތް ދޭނީ މެއި 14، 2022 އިން ފެށިގެން މެއި 13، 2024 ގެ ނިޔަލަށެވެ. އަދ އެ ހިދުމަތަށް ބޭނުންވާ ބަޖެޓް ހަމަޖައްސާނީ ވެސް ސިޓީ ކައުންސިލުންނެވެ.
ސިޓީ ކައުންސިލުން މިއަދު ވަނީ އިތުރު ދެ ހިދުމަތެއް ވެސް ފަށައިފަ އެވެ. އެއީ ކައުންސިލުގެ ގިނަ ހިދުމަތްތަކެއް އޮންލައިކޮށް ދިނުމަށް ތައާރަފުކުރި "މާވެހި" ޕޯޓަލްގެ ހިދުމަތާއި ސަރުކާރުން ހުޅުވާލާފައިވާ "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ފޯމު ފުރުމުގައި އެހީތެރިކަން ދިނުމުގެ ހިދުމަތެވެ.