01 އޯގަސްޓް 2022 - 12:03

އުރީދޫން 2020 ވަނަ އަހަރު މާލޭގެ ބައެއް ސަރަހައްދުތަކަށް ތައާރަފް ކުރި 5ޖީގެ ހިދުމަތް މާލޭ ސަރަހައްދުގެ ބޮޑު ބަޔަކަށް ތައާރަފުކޮށްފި އެވެ.
އެ ހިދުމަތް ތައާރަފުކޮށްފައި ވަނީ އުރީދު އަށް 17 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ ގްރޭޓާ މާލޭގެ ގިނަ ސަރަހައްދުތަކަށް އުރީދޫގެ 5ޖީ ހިދުމަތް މިއަދުން ފެށިގެން ލިބޭނެ ކަމަށެވެ. އެގޮތުން، މާލެ، ވިލިގިނލި އަދި ހުޅުމާލެ ފޭސް އެކަކަށް އުރީދޫގެ 5ޖީގެ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގްރޭޓާ މާލޭގެ ބޮޑު ސަރަހައްދަކަށް 5ޖީ ތައާރަފު ކުރުމާ އެކު މިހާރު އުރީދޫ ޕޯސްޓް ޕެއިޑުގެ 800ރ. އިން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންގެ ޑޭޓާ މިއަދު ޑަބަލްވެފައި ވާނެ ކަމަށް ނިޔާޒު ވިދާޅު އެވެ. ނިޔާޒު އިތުރަށް ވިދާޅުވީ، 5ޖީގެ ހިދުމަތަކީ އާއްމުކޮށް އައިއޯޓީތަކަށް ދޫ ކުރާ ހިދުމަތެއް ނަމަވެސް ރާއްޖޭގައި އެ ހިދުމަތް އަލަށް ވެސް ތައާރަފު ކޮށްފައި ވާނީ މޮބައިލް ފޯނުތަކަށް އެއްކޮށް ކަމަށެވެ.
އުރީދޫން ކުރިއަށް ރާވާފައި ހުރި މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރަވަމުން ނިޔާޒު ވިދާޅުވީ، ރާއްޖޭގެ އިތުރު ރަށްތަކެއްގައި ސަބްމެރީން ކޭބަލް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކ. މާފުށި، ނ. ވވެލިދޫ، ރ. ދުވާފަރު، އދ. ދަގެނތި އަދި އދ. މާމިގިލީގައި އެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
އުރީދޫން ތައާރަފު ކުރި 5ޖީގެ ހިދުމަތާއި އެކު ޔޫރަޕުގެ ގައުމުތަކާ ގުޅައިދޭ ސަބްމެރިން ކޭބަލެއް ހދ. ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގައި ގާއިމުކުރާނެ ކަން ވެސް ވަނީ އިއުލާނު ކޮށްފަ އެވެ. އެ ކޭބަލަކީ ޔޫރަޕުގެ ގައުމުތަކުގެ ސާވާތަކާ ޑައިރެކްޓް ގުޅުވާދޭނެ ކޭބަލެއް ކަމަށް ނިޔާޒު ވިދާޅުވި އެވެ. އެ ކޭބަލްގެ ސަބަބުން، ގޭމާޡް ނޭޝަންގެ ޕްލޭޔަރުންނަށާއި، ވީޑިއޯ ސްޓްރީމް ކުރަން ބޭނުންވާ ފަރާތްތަކަށް، އެކި ޕްލެޓްފޯމުތަކުގެ ޑައިރެކްޓް ސާވާ އާ ގުޅި، އެ ހިދުމަތްތައް ލިބޭ ސްޕީޑު އަވަސްވެ، އިތުރަށް ފުރިހަމަވެެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުރީދޫގެ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީގެ މަގާމުގައި ހުންނެވި ހާލިދު އަލް ހަމަދީ ވަނީ އެ ކުންފުނިން ސީޢެސްއާރު މަސައްކަތްތަކަށް ދޭ އަހައްމިއްތު ފާހަގަ ކުރައްވާފައެވެ. އެގޮތުން ފާއިތުވެ ދިޔަ އަހަރުތަކުގައި މުޖުތަމައަށް ފައިދާ ކުރަނިވި ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކޮށްފައިވާ ކަން ފާހަގަ ކުރެއްވި އެވެ. އަދި އަމާޒަކީ މުޖުތަމައުގެ ދުޅަހެޔޮ ކަމަށް އަދިވެސް އިތުރު ޕްރޮގުރާމުތަކާއި އެކި ކަހަލަ ހަރަކާތްތައް ހިންގުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމަދީ ވިދާޅުވީ، އުރީދޫން މަސައްކަތް ކުރަމުން ދަނީ 5ޖީ ނެޓުވޯކުގެ ހިދުމަތް އިތުރަށް ތަރައްގީކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އުރީދޫ އަކީ ރާއްޖޭގައި އެ ހިދުމަތް ތައާރަފު ކުރި ފުރަތަމަ ޓެލެކޮމިޔުނިކޭޝަން ކުންފުނިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.