01 އޯގަސްޓް 2022 - 12:27

ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ކިތާބީ ހެއްކެއްގެ ޗެއިން އޮފް ކަސްޓަޑީގައި ނުބައި ތާރީހެއް ޖަހާފައި އޮތް މައްސަލައެއް މިއަދު ފެންމަތިވެއްޖެ އެވެ.
އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އެ ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހާޒިރުކުރީ އެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓް ހެދި ފުލުހެކެވެ. އެއީ ޗެކް ޖަމާކުރި ލިޔުމުގައި ލިޔެފައިވާ އަތު ލިޔުންތައް ތަހުލީލުކުރި ތަހުލީލުކުރި ފުލުސް މީހާ އެވެ.
ދައުލަތުން ކުރި ސުވާލުތަކުގެ ޖަވާބުގައި އެ ފުލުސް މީހާ ބުނިގޮތުގައި ލެބޯޓްރީއާ ހަމައަށް އެ ލިޔުންތައް ތަހުލީލު ކުރަން ގެނައީ ހުރިހާ އިޖްރައާތުތައް ފުރިހަމަވެގެންނެވެ. އަދި އެތަކެއްޗާ ހަވާލުވަނީ ވެސް ޗެއިން އޮފް ކަސްޓަޑީ (ހެކި ނަގުލުވަމުންދާ ގޮތް ބަޔާންކުރާ ލިޔުން) ފުރިހަމަވާ ނަމަ ކަމަށް އޭނާ ބުންޏެވެ.
އެކަމަކު ޗެއިން އޮފް ކަސްޓަޑީގައި އެ ހެކި ހޯދި ކަމަށް ފުލުހުން ލިޔެފައި އޮތީ ނުބައި ތާރީޚެވެ. އެ ލިޔުމުގައި ހެކި ހޯދި ތާރީޚެއް ކަމަށް އޮތީ 23 އޮގަސްޓް 2026 އެވެ. އެކަން ޔާމީންގެ ވަކީލުން ފެންމަތި ކުރުމުން ޗެއިން އޮފް ކަސްޓަޑީގައި މައްސަލައެއް އުޅޭ ކަމަށް އޭނާ އެއްބަސްވި އެވެ.
އޭނާ ބުނިގޮތުގައި އެކަމަކު ތަހުގީގު މަރުހަލާގައި އެކަން ފާހަގަވެފައެއް ނުވެ އެވެ.
ޗެއިން ދިމާ ނުވާއިރު، ތަހުލީލު ރިޕޯޓް ސައްހަވާނެތޯ ސުވާލު ކުރުމުން އެ ފުލުސް މީހާ ބުނިގޮތުގައި ޗެއިންގައި މައްސަލައެއް އޮތަސް، ތަހުލީލުގެ ނަތީޖާއަށް އަސަރުކުރާނެ ކަމެއް ނެތް ކަމަށެވެ.
"ނަތީޖާ ސައްހަ ނޫނެކޭ ނުދެންނެވޭނެ، އަޅުގަނޑު ތަހުލީލުކޮށް ނެރުނު ނަތީޖާއަކީ ސައްހަ ނަތީޖާއެއް." އޭނާ ބުންޏެވެ.
ސަބަބެއްގެ ގޮތުގައި އެ ފުލުސް މީހާ ބުނީ އެ ލިޔުން ލެބޯޓްރީ ހަމައަށް އައިއިރު ހެކި އޮތީ ސީލްކޮށް، ބަންދުކޮށްފައި ކަމަށްވާތީ އާއި އޭނާގެ ތަހުލީލުގެ ނަތީޖާއަށް ފަހު އޭނާގެ އިސްވެރިއަކު ވެސް އެ ތަހުލީލު އިތުރަށް ކަށަވަރު ކޮށްފައިވާތީ އެވެ.
އެ މައްސަލަ ފެންމަތިވުމުން އެ ޗެއިންއާ ގުޅޭގޮތުން ދައުލަތުން އިތުރަށް ސުވާލު ކުރަން މަސައްކަތްކުރި އެވެ. އެކަމަކު އެ ސުވާލުތައް ކުރުމުގެ ފުރުސަތު އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ނުދެއްވި އެވެ. ގާޒީ ވިދާޅުވީ އާ ސުވާލުތަކެއް އެ މަރުހަލާގައި ދައުލަތަށް ނުކުރެވޭނެ ކަމަށެވެ.
އެ ފުލުސް މީހާ ބުނިގޮތުގައި ސާމްޕަލް ލިޔުންތަކާއި ތަހުލީލުކުރި ލިޔުމުގެ އަތު ލިޔުން ދިމާވެ އެވެ. އަދި ތަހުލީލުކުރި ލިޔުމުގައި އޮތް ސޮޔަކީ ވެސް ފަސޭހައިން ފޯޖް ކުރެވޭ ފަދަ ސޮޔެއް ނޫން ކަމަށް އޭނާ ބުންޏެވެ.
އެކަމަކު އޭނާ ބުނިގޮތުގައި ސާމްޕަލްގައި ހުރީ ކާކުގެ ސޮޔެއް ކަމެއް އޭނާއަކަށް ނޭނގެ އެވެ. އޭނާގެ ދައުރަކީ ސާމްޕަލް ލިޔުންތަކާއި ތަހުލީލުކުރި ލިޔުމުގެ އަތު ލިޔުން ދިމާވޭތޯ ބެލުން އެކަނި ކަމަށް އެ ފުލުސް މީހާ ބުންޏެވެ.
އެ މައްސަލާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ. އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވާނެ އެވެ.