ދާރުލްއާސާރު ތަރައްގީކުރަން ބީއެމްއެލް އިން އެހީވަނީ
ދާރުލްއާސާރު ތަރައްގީކުރަން ބީއެމްއެލް އިން އެހީވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައި ގައުމީ ދާރުލްއާސާރު ތަރައްގީކުރަން އެހީދޭން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ ދާރުލްއާސާރު ތަރައްގީކުރަން އެހީވަނީ އަހަރީ ދުވަހާ ގުޅުވައި ހިންގަން ނިންމި، މުޖުތަމައަށް ފައިދާ ހުރި 12 ހަރަކާތުގެ ތެރޭގައި ހިމަނައިގެން ކަމަށެވެ. ދާރުލްއާސާރުގައި ހުރި ޒަމާންވީ ތަކެތި ރައްކާތެރިކޮށް ބަލަހައްޓަން ބީއެމްއެލް އިން އެހީދޭނެ އެވެ.

އެ ތަކެތި ޑިސްޕްލޭކޮށް، އާންމުކުރުމަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ދާރުލްއާސާރުގައި ކޮންޒަވޭޝަން އެންޑް ޕްރިޒަވޭޝަން ލެބޯޓްރީ ތަރައްގީ ކުރުމާއި އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކުން ޝައުގުވެރިވާ ފަދަ ތަނަކަށް ދާރުލްއާސާރު ހެދުން ވެސް އެހީގެ ތެރޭގައި ހިމެނޭނެ އެވެ.

ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ފާހަގަކުރެއްވި ގޮތުގައި ދާރުލްއާސާރަކީ ދިވެހިންގެ ސަގާފަތާއި ތަރިކަ ހިމާޔަތްކޮށް ދިރުވައި، އާލާކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ މުހިންމު އިދާރާއެކެވެ. އެ ތަނަށް ދެވޭ ހިދުމަތަކީ މުޖުތަމައުއަށް ފައިދާ ކުރަނިވި ކަމަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްއަށް 40 އަހަރު ފުރުން ފާހަގަ ކުރަން މުޅި އަހަރަށް ބަހާލައިގެން 12 ހަރަކާތެއް ހިންގަން ވަނީ ރާވައިފަ އެވެ. އެ ހަރަކާތްތަކަކީ މުޖުތަމައަށް ދެމެހެއްޓެނިވި ފައިދާތަކެއް ކުރާނެ މަސައްކަތްތަކެއް ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.

ބޭންކުން މި އަހަރު ވަނީ މުޖުތަމައުގެ ފައިދާ ހުރި އެކި ކަންކަމަށް ގިނަ އެހީތަކެއް ވެދީފަ އެވެ. އޭގެތެރޭގައި ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީ ކުރުމަށާއި އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް ކައިންޑްލީ ތައާރަފު ކޮށް، ތިމާވެށި ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ފެހި ޕްރޮޖެކްޓް އިފްތިތާހްކުރުން ހިމެނެ އެވެ.