03 ޖެނުއަރީ 2017 - 08:50

މޮސްކޯ (ޖެނުއަރީ 3) – އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ސޮއިކުރަން އެއްބަސްވެފައިވާ ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓާސްބާގުގެ އެކްސްލް ވިޓްސެލް ބޮޑު އަގަކަށް ޗައިނާގެ ޓިއަންޖިން ކުއަންޖިއަން އަަށް ބަދަލުވާން ނިންމައިފި އެވެ.
ވިޓްސެލް ހޯދަން ޕްރިމިއާ ލީގުގެ ޗެލްސީ އާއި އެވަޓަން އަދި އިޓަލީގެ އޭސީ މިލާން ކުރަމުން އައި މަސައްކަތް ފެނަށް ވެގެންދިޔައީ އޭނާ މިދިޔަ ނޮވެމްބަރު މަހު ޔުވެންޓަސް އަށް ބަދަލުވާން އެއްބަސްވުމުންނެވެ. ޖެނުއަރީ މަހު ނުވަތަ ޖޫން މަހު ވިޓްސެލް ޔުވެންޓަސް އަށް ބަދަލުވާން ހުރިހާ ކަމެއް ނިމި އެކަން ވިޓްސެލް ވެސް އޮތީ އިއުލާންކޮށްފަ އެވެ. އެކަމަކު ފަހު ވަގުތު އޭނާ އިހުތިޔާރުކުރީ ބޮޑު މުސާރައެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޗައިނާގެ ޓިއަންޖިން އިން އޭނާ އަށް އަހަރަކު 18 މިލިއަން ޔޫރޯ އަދި ހަތަރު އަހަރުގެ ތެރޭ 80 މިލިއަން ޔޫރޯ ދޭނެ އެވެ.
"މިއީ ވަރަށް އުނދަގޫ ނިންމުމެއް. އެއްކޮޅުގައި އޮތީ ވަރުގަދަ ކްލަބެއް. އަނެއްކޮޅުން އަހަންނަށް ލިބުނީ އަހަންނަށް ނޫނެކޭ ނުބުނެވޭ ވަރުގެ އޮފާއެއް،" ވިޓްސެލް ބުންޏެވެ. "އަހަންނަށް ޔަގީން އަހަރެންގެ ނިންމުން ޔުވެންޓަސް އިން ގަބޫލުކުރާނެ ކަމަށް. އަހަރެން އަބަދުވެސް ޔުވެންޓަސް އަށް ސަޕޯޓްކުރާނަން އަދި އުއްމީދުކުރަން އެ ކްލަބް ޗެމްޕިއަންސް ލީގު އުފުލާލާނެ ކަމަށް."
ބެލްޖިއަމް ގައުމީ ޓީމަށް 78 މެޗު ކުޅެދީފައިވާ ވިޓްސެލް ބުނީ ކޮންމެވެސް ދުވަހަކުން އަދި ފަހަރުގައި ޔުވެންޓަސް އިން އޭނާ ފެނިވެސް ދާނެ ކަމަށެވެ. އެކަމަކު އޭނާގެ އުމުރުން މިހާރު 27 ވެފައިވުމާ އެކު އެނބުރި ޔޫރަޕުގެ ބޮޑު ލީގަކަށް އައުމުގެ ފުރުސަތު ކުޑަ އެވެ.
ރަޝިއާގެ ޒެނިތަށް ބަދަލުވުމުގެ ކުރިން އޭނާ ކުޅުނީ ބެލްޖިއަމްގެ ސްޓެންޑަޑް ލީގާ އަދި ޕޯޗުގަލްގެ ބެންފީކާ އަށެވެ. އޭނާ 2012 ވަނަ އަހަރު ބެންފީކާ ދޫކޮށް ބޮޑު އަގެއްގައި ޒެނިތަށް ބަދަލުވީ ވެސް ބޮޑެތި ކްލަބްތަކުން އޭނާ ގަންނަން މަސައްކަތްކުރަނިކޮށެވެ. ރަޝިއާގެ ތެޔޮ ކުންފުނި ގެޒްޕްރޮމް އިން އޭރު ބޮޑު އަގުދީގެން ވިޓްސެލްގެ އިތުރުން ބްރެޒިލްގެ ހަލްކް ގަތްއިރު އޭނާ ވެސް މިހާރު ކުޅެނީ ޗައިނާ ލީގުގަ އެވެ.