31 ޖުލައި 2022 - 23:54

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓް އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީނަށް ދޭން މިރޭ ނިންމާފައިވާއިރު، އެ މަނިކުފާނު ފުރަތަމަ ބުރުން އެ އިންތިހާބު ކުރައްވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
"ރައީސް ޔާމީނާއެކު ނުކުމެ، މި ވަގުތު ގައުމު މި އޮތް ހާލަތުން، ދަތިކަމަކާ ނުލައި ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް،" ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ނިންމި ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ކައުންސިލްގެ ބައްދަލުވުމަށް ފަހު "މިހާރު" އާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމީނަށް ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ޓިކެޓް ދޭން އެ ކޯލިޝަނުން ނިންމިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެ މަނިކުފާނަށް ދައުވާކުރާ ތިން މައްސަލައެއް މިހާރު ވެސް ކޯޓުގައި އެބައޮތެވެ. އެ އިން އެއްވެސް މައްސަލައެއް ސާބިތުވެއްޖެ ނަމަ ޔާމީނަށް ވެރިކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
އެ ކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ، އެއީ ޔާމީންގެ މައްޗަށް ނުހައްގުން ކުރާ ދައުވާތަކެއް ކަމަށާއި ޔާމީންގެ މައްޗަށް އެއްވެސް ހުކުމެއް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އެހެންވީމާ އެ ސާބިތެއް ނުވާނެ. އަޅުގަނޑުމެންގެ ފުރިހަމަ ޔަގީންކަން އެބައޮތް ރައީސް ޔާމީނާ ދޭތެރޭގައި،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޖޮއިންޓް ކައުންސިލްގެ މިރޭގެ ބައްދަލުވުމުގެ ރިޔާސަތު ވެސް ބެލެހެއްޓެވި އަބްދުއްރަހީމް ވިދާޅުވީ، ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ވެސް ބަހުސް ކުރި ކަމަށެވެ. އެކަމަކު، ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން އަދި ޔާމީން ދެވަނަ ފަހަރަށް ވެރިކަމަށް ކުރިމަތިއްލަވަން ތައްޔާރަށް ހުންނަވަނިކޮށް، ޕްރައިމަރީއަކުން ގޮތެއް ނިންމަން ޖޮއިންޓް ކައުންސިލުން ބޭނުން ނުވީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ވަގުތު ގައުމަށް ބޭނުންވަނީ ރައީސް ޔާމީން ކަހަލަ ވެރިއެއް،" ޖޮއިންޓް ކައުންސިލްގެ މެމްބަރުންގެ ރޫހު ހުރި ގޮތާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ނިންމީ އަބްދުއްރަހީމް ވިދާޅުވިގޮތުގައި، މިރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި 99 މެމްބަރުންގެ އިއްތިފާގުންނެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވޯޓު ދެއްވީ ޔާމީނަށް ޓިކެޓް ދޭން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.