31 ޖުލައި 2022 - 22:52

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޓިކެޓް އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީނަށް ދޭން މިރޭ ނިންމައިފި އެވެ.
އެކަން އިއުލާން ކުރެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެންމެ ކުރެއްވި ޓުވީޓެއްގަ އެވެ.
"އަދި ރައީސް ޔާމީން އެކަން ގަބޫލުކުރައްވައިފި. މަރުހަބާ! ރައީސް ޔާމީން،" އެ ޓުވީޓްގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ފަހުން "މިހާރު" އަށް ވިދާޅުވީ، ޔާމީނަށް ޓިކެޓް ދޭން ނިންމީ މިރޭ ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ކޯލިޝަންގެ ބައްދަލުވުމުގައި ބައިވެރިވި 99 މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
"އެ ބައްދަލުވުމުގައި ޑރ. ވަހީދު [ކުރީގެ ރައީސް] އާއި ޑރ. ޝަހީމް [ކުރީގެ އިސްލާމިކް މިނިސްޓަރު] ވެސް ބައިވެރިވެވޑައިގެންނެވި،" ޖޮއިންޓް ކައުންސިލްގެ ރިޔާސަތު ވެސް ބެލެހެއްޓެވި އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައަޅަން ޕްރައިމަރީއަކަށް ދިއުމާ ގުޅޭ ގޮތުން ވެސް ޖޮއިންޓް ކައުންސިލްގެ މިރޭގެ ބައްދަލުވުމުގައި މެމްބަރުން ބަހުސްކުރި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އިއްތިފާގުން ނިންމީ ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން ޕްރައިމަރީއަކަށް ނުދާނަމޭ. މި ވަގުތަށް ބޭނުންވަނީ ރައީސް ޔާމީން ކަހަލަ ވެރިއެކޭ. އެހެންވީމާ ރައީސް ޔާމީން ވާދަކުރައްވަން ހުންނަވަނިކޮށް ނޫނީ އެ މަނިކުފާނު ވާދަކުރައްވަން ބޭނުންފުޅިއްޔާ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭނީއޭ،" އޭނާ ވިދާޅުވި އެވެ.
ޔާމީނަށް ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ޓިކެޓް ދޭން އެ ކޯލިޝަނުން ނިންމިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެ މަނިކުފާނަށް ދައުވާކުރާ ތިން މައްސަލައެއް މިހާރު ވެސް ކޯޓުގައި އެބައޮތެވެ. އެ އިން އެއްވެސް މައްސަލައެއް ސާބިތުވެއްޖެ ނަމަ ޔާމީނަށް ވެރިކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ އަށް ވެސް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. އަދި ރ. ފުއްގިރި ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ވެސް އެ މަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާއެއް ދައުލަތުން ކުރެ އެވެ. އެ ދެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.