03 ޖެނުއަރީ 2017 - 10:19

ނިއު ދިއްލީ (ޖެނުއަރީ 3) - އިންތިޚާބުތަކުގައި ވޯޓު ހޯދަން ސިޔާސީ ފަރާތްތަކުން ދީން ބޭނުން ނުކުރެވޭނެ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
"އިންތިޚާބާ ގުޅޭ އެއްވެސް ކަމެއްގައި ދީނުގެ ރޯލެއް ނޯންނާނެ. އިންތިޚާބުގެ ކެމްޕޭނަކީ ދީނާ ގުޅުމެއް ހުރި ކަމެއް ނޫން،" އިންޑިއާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނިންމުމުގައި ބުނެފައިވެ އެވެ.
އިންޑިއާގެ އެންމެ މަތީ ކޯޓުން ބުނީ ދީން ނުވަތަ ނަސަބު ބޭނުން ކުރުމަކީ އިންތިޚާބުތަކާ ބެހޭ ގާނޫންތަކުގެ ދަށުން ކޮރަޕްޓް އަމަލެއް ކަމަށެވެ. އަދި ކަލާނގެ އާއި އިންސާނާއާ ދެމެދު އޮންނަ ގުޅުމަކީ ފަރުދީ އިޚްތިޔާރެއް ކަމަށާއި އެކަމުގެ ތެރެއަށް ދައުލަތަށް ނުވަދެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ ބަލާފައި ވަނީ އުއްތަމަ ފަނޑިޔާރު ޓީއެސް ތާކޫރު ވެސް ހިމެނޭ ގޮތަށް ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. އެކަމަކު ހުކުމާ މެދު ފަނޑިޔާރުންގެ މެދުގައި ވަނީ ޚިލާފު އުފެދިފަ އެވެ. އިންތިޚާބުތަކުގައި ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރުމަށް ހަތަރު ފަނޑިޔާރަކު ތާއިދު ކުރި އިރު ތިން ފަނޑިޔާރަކު އެކަމަށް ދެކޮޅު ހެދި އެވެ. ޚިޔާލު ތަފާތުވި ތިން ފަނޑިޔާރުން ބުނެފައި ވަނީ އިންތިޚާބުތަކުގައި ނުވަތަ އެ ނޫން ދުވަސްވަރު ވެސް ދީނާއި ނަސަބާ ބެހޭ ގޮތުން ވާހަކަ ދެއްކުން ވަނީ ގާނޫނު އަސާސީން ޔަގީންކޮށްދީފައި ކަމަށާއި އެކަން ހަނި ނުކުރެވޭނެ ކަމަށެވެ. އަދި މި މައްސަލައިގައި ގޮތެއް ނިންމަން ޕާލަމެންޓަށް ދޫކޮށްލުމަށް ވެސް އެ ތިން ފަނޑިޔާރުން ތާއީދު ކުރި އެވެ.
ސުޕްރީމް ކޯޓުގެ މި މުހިންމު ނިންމުން އައިސްފައި ވަނީ އުއްދަރަ ޕްރަދޭޝް ސްޓޭޓުގައި އިންތިޚާބު ބާއްވަން ތައްޔާރުވެފައި ވަނިކޮށެވެ. މީގެ އިތުރުން ޕަންޖާބާއި އުއްތަރަޚަންދު، ގޯއާ އަދި މަނިޕޫރުގައި ވަނީ އެސެމްބްލީ އިންތިޚާބު ގާތްވެފަ އެވެ. ދީނާއި ނަސަބަކީ އިންޑިއާގެ އިންތިޚާބުތަކުގައި މުހިންމު ރޯލެއް އަދާކުރާ ދެ ކަންތަކެވެ. ގިނަ ޕާޓީތަކުން ކެންޑިޑޭޓުން އިޚްތިޔާރު ކުރަނީ އެ މީހުންގެ ދީނާއި ނަސަބަށް ބަލައިގެންނެވެ. އަދި ކެމްޕޭން ވެސް ބޮޑަށް ބިނާކުރަނީ މި ދެ ކަންތަކަށެވެ.
ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައި ވަނީ އިންތިޚާބުތަކުގައި ދީން ބޭނުން ކުރުމަކީ ހުއްދަ ކަމެއްތޯ ހުޅަނގުގެ މަހާރާޝްތުރާ ސްޓޭޓުގެ ކޯޓަކުން 1990 ވަނަ އަހަރު ފުރަތަމަ ފެންމަތި ކުރި ސުވާލަކާ ގުޅިގެންނެވެ.