އިތުރު ފޯވާޑެއް ހޯދުމުގެ ވިސްނުން ބަޔާންގެ ނެތް
އިތުރު ފޯވާޑެއް ހޯދުމުގެ ވިސްނުން ބަޔާންގެ ނެތް

މިދިޔަ ސީޒަންތަކުގައި ބަޔާން މިއުނިކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ ކްލަބް ދޫކޮށް ދިޔަ ނަމަވެސް އޭނާގެ މަގާމަށް ކުޅުންތެރިޔަކު ނުގެންނާނެ ކަމަށް ބަޔާނުގެ ސީއީއޯ އޮލިވާ ޚާން ބުނެފި އެވެ.

މިދިޔަ ސީޒަނުގައި 46 މެޗުން 50 ގޯލް ޖަހައިދިން ލެވޮންޑޮސްކީ އެ ކްލަބް ދޫކޮށްލީ އާ ތަޖުރިބާއެއް ކުރަން ބޭނުން ކަމަށް ބުނެ އެވެ. އޭނާ ބަދަލުވީ ބާސެލޯނާ އަށެވެ.

ބަޔާނުން ވަނީ ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭގެ ސޮއި ހޯދައިފަ އެވެ. އެކަމަކު އޭނާ އަކީ ވެސް ފޯވާޑް ލައިނުގެ އަރިމަތިން ކުޅޭ ކުޅުންތެރިޔެކެވެ. މީގެ އިތުރުން ރޭނިސްގެ ޒުވާން ފޯވާޑް މެތީސް ޓެލް ވެސް ވަނީ ގެނެސްފަ އެވެ.

ބަޔާނުން، ލެވޮންޑޮސްކީ ކުޅޭ ނުވަ ނަމްބަރު ފޯވާޑްގެ މަގާމަށް ކުޅުންތެރިޔަކު ގެންނަން އުޅޭ ކަމަށ އަޑު ފެތުރުނެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ހެރީ ކޭންއާ ގުޅުވައިގެން ވާހަކަތައް ދެކެވެ އެވެ.

އެކަމަކު ޖަރުމަން ސުޕަ ކަޕް މެޗުގައި އާރްބީ ލީޕްޒިގް އަތުން 5-3 އިން ބަޔާން މޮޅުވި މެޗަށް ފަހު ކުރީގެ ގޯލްކީޕަރު ޚާން ބުނީ އިތުރު ފޯވާޑެއް ގެނައުމުގެ އެއްވެސް މަޝްވަރާއެއް ނެތް ކަމަށެވެ. މާނައަކީ ކުރިއަށް އޮތް ސީޒަނުގައި ބަޔާނުން މާނޭ އަށް ވަރަށް ބޮޑަށް ބަރޯސާވުމެވެ.

ލީޕްޒިގް މެޗުގައި ބަޔާނުގެ ފަސް ގޯލް ޖެހީ ވެސް ތަފާތު ފަސް ކުޅުންތެރިންނެވެ. ބަޔާނުގެ ސްޕޯޓިން ޑިރެކްޓަރު ހަސަން ސަލިހަމިޑްޒިޗް ބުނީ އެ ޓީމުގެ ތަސައްވުރާ އެއްވަރަށް ކުޅުންތެރިން ކުޅެން ފަށައިފި ނަމަ ގިނަ ކުޅުންތެރިންނެއް ގޯލު ޖަހާނެ ކަމަށެވެ.

"ޓްރާންސްފާ މާކެޓް ބަންދުވާނީ އޮގަސްޓް 31 ގައި. ނަމަވެސް އަހަރެމެންގެ ރޭވި ކަންކަން މިވަނީ މުޅިން ހެން ނިމިފައި،" އޭނާ ބުންޏެވެ.

ބަޔާނުން ވަނީ ޓްރާންސްފާގައި ހަރަދުތަކެއްކޮށްފަ އެވެ. އެގޮތުން ޔުވެންޓަސްގެ ޑިފެންޑަރު މެތިއަސް ޑިލީޓް ވަނީ 67 މިލިއަން ޔޫރޯ އަށް ގެނެސްފަ އެވެ. އަދި އަޔަކްސްގެ ޒުވާން މިޑްފީލްޑަރު ރަޔާން ގްރޭވެންބްރެކް 18.5 މިލިއަން ޔޫރޯ އަށް ގެނަ އެވެ. މީގެ އިތުރުން ހިލޭ ޓްރާންސްފާއެއްގައި އަޔަކްސްގެ ފުލްބެކް ނުސެއިރު މަރްޒޫއީ ވެސް ވަނީ ގެނެސްފަ އެވެ.