މަންކީޕޮކްސްއަށް ޓެސްޓްކުރަން 250 ކިޓް ރާއްޖެއަށް ހަދިޔާކޮށްފި
މަންކީޕޮކްސްއަށް ޓެސްޓްކުރަން 250 ކިޓް ރާއްޖެއަށް ހަދިޔާކޮށްފި

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ މަންކީޕޮކްސްއަށް ޓެސްޓްކުރުމަށް ބޭނުންވާ 250 ޕީސީއާރު ޓެސްޓް ކިޓް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް މިއަދު ހަދިޔާކޮށްފި އެވެ.

މަންކީޕޮކްސްއާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޑަބްލިއުއެޗްއޯ އިން ވަނީ އިއުލާންކޮށްފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މަންކީޕޮކްސްއަށް ޓެސްޓްކުރުމަށް ބޭނުންވާ 250 ޕީސީއާރު ޓެސްޓް ކިޓް ލިބިފައިވާ ކަމަށާއި އިތުރު ކިޓް ހޯދުމުގެ މަސައްކަތް ޑަބްލިއުއެޗްއޯއާ އެކު ކުރަމުން އަންނަ ކަމަށެވެ. ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިތުރު ކިޓް ރާއްޖެއަށް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ރާއްޖެއިން އެ ބައްޔަށް ޝައްކުކުރެވޭ ކޭސްތަކާ ގުޅިގެން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. ކޭސް އިންވެސްޓިގޭޓްކޮށް، ކޮންޓެކްޓް ޓްރޭސިން ހަދައި ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޑަބްލިއުއެޗްއޯއާ އެކު ޓެސްޓް ކިޓް ހޯދުމުގެ އިތުރުން ލެބޯޓްރީ ސްޓާފުންނަށް އެ ޖަމިއްޔާއާ ގުޅިގެން މަންކީޕޮކްސް ޕީސީއާރު ޓްރެއިނިން ދިނުމަށް މާދަމާ ވާޗުއަލް ސެޝަނެއް ވެސް ބާއްވާނެ އެވެ. އެ ޓްރެއިނިން ނިމުމާ އެކު މަންކީޕޮކްސް ޓެސްޓްތައް ހަދަން ފަށާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މަންކީޕޮކްސްއަށް ޝައްކުކުރެވޭ މީހަކު ފެނިގެން، މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ޓެސްޓްކޮށްފަ އެވެ. އެކަމަކު އެ ޓެސްޓް ނެގެޓިވްވުމުން މިނިސްޓްރީން ބުނެފައި ވަނީ ރާއްޖޭގައި މިވަގުތު މަންކީ ޕޮކްސްގެ އެއްވެސް ކޭސްއެއް ނެތް ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނީ މިވަގުތު މަންކީ ޕޮކްސް އަށް ޓެސްޓްކުރެވޭނެ ގޮތްތަކާއި ފަރުވާކުރެވޭނެ ބޭހާއި ބަލިން ރައްކާތެރިވުމަށް ދެވޭނެ ވެކްސިން ފަދަ ވަސީލަތްތައް މަދު ނަމަވެސް ބަލި ފެތުރެން ފެށުމާ އެކު މޮނިޓާކޮށް އެ ބައްޔާ ގުޅިގެން ރާއްޖެއިން ވާންޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށެވެ.