02 ޖެނުއަރީ 2017 - 23:22

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޗެއާޕާސަންގެ މަގާމަށް ހައުސިން މިނިސްޓަރުގެ ނައިބް އަދި އެ ކްލަބުގެ ބޯޑް މެމްބަރަކަށް މިހާތަނަށް ހުންނެވި އިބްރާހިމް ނަޒީމް މިރޭ އިންތިހާބުވެވަޑައިގެންފި އެވެ.

ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ވިކްޓަރީގެ ބައި އިލެކްޝަނުގައި ޗެއާޕާސަންގެ މަގާމް ނަޒީމް ކާމިޔާބުކުރެއްވީ، އަތްއުފުލައިގެން ނެގި ވޯޓުގެ ފުރިހަމަ އަގްލަބިއްޔަތު ހޯއްދަވައިގެންނެވެ.
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމް ހުސްވީ އެ މަގާމަށް އެންމެ ފަހުން އިންތިހާބުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް، އިންތިހާބުކުރަން ބޭއްވި ޖަލްސާ ހޯމް މިނިސްޓްރީން ބާތިލްކުރުމުންނެވެ. މުހައްމަދު އިސްމާއިލް އެ މަގާމަށް އިންތިހާބުކުރީ، ކުރިން އެ މަގާމް ފުރުއްވި ރައްޔިތުންގެ މަޖިލީގުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު އިސްތިއުފާ ދެއްވާފައިވާތީ އެވެ.
މިރޭ ވަނީ ވިކްޓަރީގެ ބޯޑުން ހުސްވެފައިވާ ދެ މަގާމަށް އެ ކްލަބުގެ ކުރީގެ ކުޅުންތެރިޔާ އަދި ފަހުން އޮފިޝަލަކަށް މަސައްކަތްކުރި އަހުމަދު އަރީޝް (ޕަޓޭ) އާއި ސަރަނގު އިބްރާހިމް އާދަމް މަނިކު އިންތިހާބުކޮށްފަ އެވެ. ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުވެވަޑައިގަތުމާ އެކު ހުސްވި ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު ބާއްވާ ކްލަބުގެ އަހަރީ އާއްމު ޖަލްސާގަ އެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރުގެ މަގާމް ފުރުއްވަމުން އަންނަ ނަޒީމް ވަނީ މީގެ ކުރިން ކުޅިވަރާ ބެހޭ މިނިސްޓްރީގައި ވެސް އިސް މަގާމްތަކެއް ފުރުއްވައިފަ އެވެ. އަދި ފަހުން މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީއެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި އިންޓަނޭޝަނަލް ބީޗް ވޮލީބޯލް ރެފްރީ ނަޒީމް ވަނީ މީގެ ކުރިން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމް ވެސް އަދާކުރައްވައިފަ އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ކްލަބް 2012 ގެ ފަހުން އަޑިއަޅާލާފައިވާއިރު މިދިޔަ އަހަރުގެ ކުރީކޮޅު ހަވާލުވި މެނޭޖްމަންޓާ އެކު އެދެވޭ ބަދަލުތަކެއް އަންނަނީ ފެންނަމުންނެވެ. އެކަމަކު މިދިޔަ ސީޒަނުގައި އެ ޓީމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަޔަކުން ފުރުސަތު ނުލިބުމުން، ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކުރަން ޕްލޭއޮފް ވަނީ ކުޅެން ޖެހިފަ އެވެ. ވިކްޓަރީން މިހާރު އަންނަނީ އާ ސީޒަނަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންނެވެ.