31 ޖުލައި 2022 - 12:37

ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބޮޑު ބަޔަކަށް މިއަދު ރީނދޫ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މިއަދުގެ ހަވީރު ހަތަރެއް ޖަހަންދެން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާ އިން ބުންޏެވެ.
ގުގުރުގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މިއަދުގެ ހަވީރު 5:30 އާ ހަމައަށް ވަނީ މުޅި ރާއްޖެ އަށް ހުދު އެލާޓް ނެރެފަ އެވެ.
މެޓުން ބުނިގޮތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ.
ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ވެސް އެ އިދާރާ އިން ލަފާކުރެ އެވެ. އެ ވިއްސާރައިގައި ހާއްސަކޮށް މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
މިއީ ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރު ކަމަށް ވުމާއެކު، ދަތުރުތައް ގިނަވާނެތީ، މި ހަފުތާގައި މޫސުމަށް ސަމާލުވުމަށް އެ އިދާރާ އިން އިލްތިމާސްކުރެ އެވެ.