02 ޖެނުއަރީ 2017 - 20:44

އުރީދޫން ރާއްޖޭގެ ދެކުނުން އުތުރަށް އަޅަމުންދާ ނޭޝަންވައިޑް ސަބްމެރިން ކޭބަލް، ބ. އޭދަފުށީގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާ މިއަދު ގުޅާލައިފި އެވެ.
މިދިޔަ މަހުގެ އަށް ވަނަ ދުވަހު އަޅަން ފެށި ކޭބަލް މިހާރު ވަނީ އޭދަފުށީގެ އިތުރުން ހުޅުމާލެ އާއި އައްޑޫ ހިތަދު އާއި ގދ. ތިނަދޫ އަދި މ. ކޮޅުފުށީގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާ ވެސް ގުޅާލައިފަ އެވެ. ދެން މި ކޭބަލް ގެންގޮސް ގުޅާލާނީ ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ލޭންޑިން ސްޓޭޝަނާ އެވެ.
ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ހަރަދުކޮށްގެން އުރީދޫން މުޅި ރާއްޖޭގައި އަޅާ ސަބްމެރިން ކޭބަލް ނެޓްވޯކް ބޭނުންކުރަން ފަށައި ރާއްޖެ އަށް 4ޖީ+ ސްޕީޑުގައި އިންޓަނެޓުގެ ހިދުމަތް މި މަހުގެ 15 ގައި ދޭން ފެށުމަށް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. އަދި ހުރިހާ ރަށެއްގައި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ގާތްގަނޑަކަށް ތިން މަސްދުވަހުގެ ތެރޭގައި ދޭން ފަށާނެކަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.
މި ކޭބަލް އަޅައި ހިދުމަތް ދޭން ފެށުމުން، އުރީދޫގެ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ފުރިހަމަވެ، ހަލުވި ސްޕީޑެއްގައި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ލިބޭނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ. މި ކޭބަލް މެދުވެރިކޮށް ހިދުމަތް ދޭނީ ވާވޭގެ އެޑްވާންސްޑް 100ޖީ ޓެކްނޮލޮޖީ މެދުވެރިކޮށެވެ.
އުރީދޫގެ 4ޖީގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމުން އެ ކުންފުނި ވާނީ، ދެކުނު އިރުމަތީ އޭޝިއާގެ ފުރަތަމަ 100 ޕަސެންޓް 4ޖީ+ ނެޓްވޯކަށެވެ.