ނަސީރުގެ ބަންދަށް 10 ދުވަސް ޖަހައިފި
ނަސީރުގެ ބަންދަށް 10 ދުވަސް ޖަހައިފި

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ނޫސްވެރިޔާ އަބްދުﷲ ނަސީރުގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

އެކި ޓީވީ ޗެނަލްތަކުގައި މަސައްކަތް ކޮށްފައިވާ ނަސީރު ހައްޔަރުކުރީ އިއްޔެ މެންދުރުގެ ވަގުތެއްގަ އެވެ. އެކަމަކު އޭނާ ހައްޔަރުކުރީ ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަލަމްގިރާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައަކާ ގުޅިގެނެއް ނޫނެވެ.

އެހެން މީހަކާއެކު، ނަސީރު ކަމަށް ބެލެވޭ މީހަކު އެއްޖިއްސުން ގުޅިގެން ހިންގާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލައިގެ ތުހުމަތަށް ނަސީރު ހައްޔަރުކުރިއިރު، ފުލުހުން ބުނީ އިއްޔެ ހައްޔަރުކުރި އުމުރުން 28 އަހަރުގެ މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ. ނަމެއް ނުބުނެ އެވެ.

އަލަމްގީރުގެ މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ވަޒީފާގައި އުޅޭ އުމުރުން 35 އަހަރުގެ އަބްދުއްރަހުމާން ރަފީއު އެވެ.

އަލަމްގީރުއާ އެކު އެތައް ސަތޭބަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ވެ އެވެ. އެއްޖިންސުން ގުޅުން ހިންގައި އެ މީހުންނަށް ބްލެކްމެއިލްކޮށް، ފައިސާ ހޯދަން އުޅުނު މައްސަލައެއް ވެސް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ގުޅުން ހިންގާ ވީޑިއޯތައް ލީކުކުރި މީހުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.