ބޮކުރީގެ ހެޓްރިކާ އެކު ޖޭޖޭ މޮޅުވެއްޖެ، ބުރު ސެމީއާ ގާތަށް
ބޮކުރީގެ ހެޓްރިކާ އެކު ޖޭޖޭ މޮޅުވެއްޖެ، ބުރު ސެމީއާ ގާތަށް

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ހުސެއިން ނިޔާޒު މުހައްމަދު (ބޮކުރީ) ގެ ހެޓްރިކާ އެކު ޖޭޖޭ ސްޕޯޓްސް އިން 6-0 އިން ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

ބޮކުރީ އިއްޔެގެ މެޗުގައި ލީޑު ނެގީ 38 ވަނަ މިނިޓުގަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން، 44 ވަނަ މިނެޓުގައި ޖޭޖޭގެ ދެ ވަނަ ލަނޑު ޖަހައިދިނީ، 2019 ވަނަ އަހަރު ޔޫތު ޗެމްޕިއަންޝިޕުގައި ދަ ގްރާންޑޭ ސްޕޯޓްސް އަށް ކުޅުނު އަހުމަދު ހުނެއިފް އެވެ. ދެ ވަނަ ހާފް ފެށިގެން ހަތަރު ވަނަ މިނެޓުގައި ޖޭޖޭގެ ތިން ވަނަ ލަނޑު ވެސް ޖެހީ އޭނާ އެވެ.

މެޗުގައި ބޮކުރީގެ ހެޓްރިކް ފުރިހަމަ ކުރީ، 74 ވަނަ މިނެޓާއި 78 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑުތަކުންނެވެ. އަދި އެ ޓީމުގެ ފަހު ލަނޑު 89 ވަނަ މިނިޓުގައި ޖަހައިދިނީ، މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ވެސް ކުޅުނު މުހައްމަދު ފުހެއިދް (ޓޯޑް) އެވެ.

މި މެޗުގައި ވިދާލި ބޮކުރީ އަކީ ސީނިއާ ގައުމީ ޓީމާއި ވިކްޓްރީ އާއި ނިއު ރޭޑިއަންޓާއި މާޒިޔާ އަދި މަހިބަދޫ އަށް ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ކުޅުންތެރިއެކެވެ.

މާޒިޔާ އަށް 2017 ގައި ކުޅުމަށް ފަހު ފުރަތަމަ ޑިވިޝަނުން ގެއްލިފައި ހުރުމަށް ފަހު ބޮކުރީ އެނބުރި ގަލޮޅު ދަނޑަށް އައީ 2020 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގައި ކްލަބް ވެލެންސިއާގެ ޖަޒީގަ އެވެ. އެ ޓީމާ އެކު
ދެވަނަ ޑިވިޝަން ކާމިޔާބުކޮށް، މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ދެވަނަ ހޯދައިދިނުމުގައި ވެސް ބޮކުރީ ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. އެކަމަކު މި އަހަރު އޭނާ ފުރަތަމަ ޑިވިޝަނުން ނުފެނެ އެވެ.

ޖޭޖޭއާއެކު ގުރޫޕް އޭގައި ހިމެނޭ ބުރު ސްޕޯޓްސް ކުލަބް ވަނީ ގަލޮޅު ދަނޑުގައި ރޭ ޓެންޓް ސްޕޯޓްސް ކުލަބާ ވާދަކޮށް 1-0 އިން މޮޅުވެފަ އެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު 41 ވަނަ މިނެޓުގައި ޖަހައިދިނީ ބްރެޒިލްގެ ޑިފެންޑަރު ބްރޫނޯ އަރާބެލް ޕަސެމާނީ އެވެ.

ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް 15 ޕޮއިންޓާ އެކު ބުރު އޮތީ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާ ކުޑަހެންވޭރު ޔުނައިޓެޑެވެ.

ކުޑަހެންވޭރު އިއްޔެ ހަވީރު ކުޅުނު މެޗުގައި ދިވެހި ސިފައިންގެ ކުލަބް އަތުން 3-2 އިން ވަނީ ބަލިވެފަ އެވެ.

އެ މެޗުގެ ހަވަނަ މިނިޓުގައި ސިފައިންގެ ޓީމުގެ މުހައްމަދު ޝަބީރު ރަޒޫނިޔާގެ ލަނޑުން ކުރި ހޯދާފައި ވަނިކޮށް، ކުޑަހެންވޭރަށް ކުޅޭ ޝަހީމް އަބްދުލް ގާދިރު ވަނީ 36 ވަނަ މިނިޓުގައި އެއްވަރު ކޮށްދީފަ އެވެ. ނަމަވެސް 45 ވަނަ މިނެޓުގައި ޝަބީރު ޖެހި ދެވަނަ ލަނޑާ އެކު ފުރަތަމަ ހާފް ވެސް ނިންމާލީ ކުރީގައި އޮވެގެންނެވެ.

ސިފައިންގެ ޓީމުގެ ތިންވަނަ ލަނޑު 87 ވަނަ މިނެޓުގައި ޖަހައިދިނީ ޝަބީރުގެ ބަދަލުގައި ކުޅެން އެރި އަހުމަދު ޝައިހާން ޖަލީލެވެ. ކުޑަހެންވޭރުގެ ދެ ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުހައޮ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ޖެހީ އަޖުމަލް އަހުމަދެވެ.

މި ގުރޫޕްގައި ހިމެނޭ ކްލަބް ޕީކޭ އާއި ބިސްބުރު ސްޕޯޓްސް ރޭ ވާދަކުރި މެޗު ފަހަތުން އަރައި 3-1 އިން ކާމިޔާބުކުރީ ޕީކޭ އެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ބިސްބުރު އަށް ލީޑު ނަގައިދިނީ ބިދޭސީ ފޯވާޑް އާމިރު މެމާރީ މެންސާ އެވެ. ނަމަވެސް 27 ވަނަ މިނެޓުގައި ޕީކޭގެ ހުސެއިން އިރުފާން އަލީ ޖެހި ލަނޑާ އެކު ހާފް ނިންމާލިއިރު ނަތީޖާ އޮތީ އެއްވަރު ވެފަ އެވެ.

ޕީކޭ މޮޅުކޮށްދިން ލަނޑު 75 ވަނަ މިނެޓުގައި ޖަހައިދިނީ ހުސެއިން އަފްސަލް އެވެ. އަދި އެ ޓީމުގެ ތިން ވަނަ ލަނޑު 81 ވަނަ މިނެޓުގައި ޖަހައިދިނީ އަލީ މުނާޒް އެވެ.

މި ނަތީޖާއާ އެކު، މިހާތަނަށް ހަތަރު މެޗު ކުޅެގެން ގުރޫޕްގެ ތިން ވަނައިގައި އޮތް ޖޭޖޭ އާއި ފަސް ވަނައިގައި އޮތް ޓެންޓާއި ހަ ވަނައިގައި އޮތް ޕީކޭ އަށް ވެސް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ހަތް ވަނައިގައި އޮތް ބިސްބުރު އަށް ވެސް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. އެކަމަކު އެ ޓީމު ވަނީ ފަސް މެޗު ކުޅެފަ އެވެ. ގުރޫޕްގެ ފުލުގައި އޮތީ ފަސް މެޗުން ޕޮއިންޓެއް ނުހޯދި އޮތް ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބެވެ.

ދެވަނަ ޑިވިޝަނުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ގުރޫޕް ބީގައި ހިމެނޭ ވިކްޓަރީ އާއި ކްލަބް ޓީނޭޖް ބައްދަލުކުރާނެ އެވެ.