30 ޖުލައި 2022 - 11:30

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާ ކަމަށާއި ކުރިއަށް އޮތް ތިން ދުވަހު ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާ އެކު ބައެއް ރަށްތަކަށް އުދަ އަރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން މިވަގުތު އޮތީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފަ އެވެ. މެޓުން ބުނީ ބޯކޮށްވާރޭވެހުމާ އެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 24 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.
މެޓުން ބުނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރުމާ އެކު ގުގުރާނެ ކަމަށެވެ. އެ ވިއްސާރައިގައި ހާއްސަކޮށް މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ.
އެހެންވެ، މެޓުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ގަދަވަޔާ އެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް މެޓުން އިލްތިމާސްކުރި އެވެ.