02 ޖެނުއަރީ 2017 - 17:11

ޔަންގޫން (ޖެނުއަރީ 2) - މިއަންމާގެ ރަކިނީ ސްޓޭޓުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އަނިޔާކުރާ ވީޑިއޯއެއް ލީކުވެފައިވާތީ އެ މައްސަލަ ބަލާނެ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.
މިއަންމާ ސަރުކާރުން ބުނެފައި ވަނީ މުސްލިމުންނަށް އަނިޔާކުރާ ވީޑިއޯ ނަގާފައި ވަނީ މިދިޔަ ނޮވެމްބަރު މަހު ފުލުސް އޮފިސަރެއް ކަމަށެވެ. ރަކިނީ ސްޓޭޓް ވަނީ ނޫސްވެރިންނާއި ތަހުގީގު ކުރާ ފަރާތްތަކަށް ބަންދުކޮށްފަ އެވެ. އެހެންވެ އެ ތަނުގައި ހިންގާ ޖަރީމާތަކުގެ ފުރިހަމަ މައުލޫމާތެއް ނުލިބެ އެވެ.
ސަރުކާރުން ބުނީ މުސްލިމުންނަށް އަނިޔާ ކުރާ ވީޑިއޯ ނަގާފައި ވަނީ ފުލުހުން ހިންގި ކްލިއަރެންސް އޮޕަރޭޝަނެއްގައި ކަމަށެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ރަކިނީގެ ގިނަ އަދަދެއްގެ މީހުން ފުލުހުންގެ ކުރިމަތީގައި ސަފަކަށް ބޭތިއްބުމަށް ފަހު އެއް އޮފިސަރަކު މުސްލިމަކަށް އަނިޔާކުރެ އެވެ. އަނެއް އޮފިސަރު ބޫޓުން މުސްލިމެއްގެ މޫނުމަތީގައި ޖަހަ އެވެ. އަދި އެހެން މީހަކު ވެސް ކޮޅުފައިން ޖަހަ އެވެ.
މިއަންމާގެ ސްޓޭޓް ކައުންސިލާގެ އޮފީހުގެ އިންފޮމޭޝަން ކޮމިޓީން ބުނީ ކުށްވެރިވާ ފުލުހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ސްޓޭޓް ކައުންސިލާއަކީ ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ އަން ސަން ސޫކީ އެވެ. މުސްލިމުންނަށް އަނިޔާ ކުރަމުންދާ އިރު ސޫކީ ހިމޭނުން ހުންނަވާތީ އެކަމަނާ އަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
ރަކިނީގައި މުސްލިމުންނަށް ވަރަށް ބޮޑަށް އަނިޔާކުރަމުންދާ ކަމުގެ ތުހުމަތުތައް ކޮށްފައިވެ އެވެ. އަދި މިއަންމާ ސަރުކާރުން އަމަލުކުރަމުން ދަނީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ނައްތާލަން ކަމަށް ވެސް ނޯބެލް ސުލްހައިގެ އިނާމު ހޯދާގައިވާ 11 ފަރާތެއް ގުޅިގެން ނެެރެފައިވާ ބަޔާނެއްގައި ދާދި ފަހުން ވަނީ ބުނެފަ އެވެ.
މިއަންމާ ސިފައިން އޮކްޓޯބަރު މަހު ފެށި އަސްކަރީ އޮޕަރޭޝަނުގައި ރޮހިންޔާ ދަރިކޮޅުގެ 86 މުސްލިމަކު މަރާފައިވެ އެވެ. މިއަންމާ ސަރުކާރުން ބުނެފައި ވަނީ މި އޮޕަރޭޝަން ފެށީ ފުލުހުންގެ ނުވަ މީހަކު މަރާލުމާ ގުޅިގެން ކަމަށެވެ. އަދި ސަރުކާރުން ބުނެފައި ވަނީ އެ މީހުން ހިންގަނީ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއް ކަމަށެވެ. އދ. އިން ބުނި ގޮތުގައި މިއަންމާ ސިފައިންގެ އަނިޔާވެރިކަން ބޮޑުވުމުން، ރޮހިންޔާ މުސްލިމުންގެ 34،000 މީހުން ވަނީ ރަކިނީ ސްޓޭޓް ދޫކޮށް ދާން މަޖްބޫރުވެފަ އެވެ. ގިނަ މީހުން ދަނީ ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގު ކައިރިއަށެވެ.
ރަކިނީގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު ރަކިނީގެ އަޣުލަބިއްޔަތު އޮންނަ ބުޑިސްޓުން ބުނަނީ އެއީ ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށެވެ. ރަކިނީގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން 2012 ވަނަ އަހަރު ދިން ހަމަލާތަކުގައި 100،000 މުސްލިމުން ހާލުގައި ޖެހުނެވެ. ރޮހިންޔާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ވެސް ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު އެ މީހުން މިއަންމާގެ ދިރިއުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ރޮހިންޔާ މުސްލިމުން ގަބޫލް ކުރަން ބަންގްލަދޭޝް އިން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.