ނާޒިމް ސައްތާރުގެ ބަންދަށް ހަތް ދުވަސް ޖަހައިފި
ނާޒިމް ސައްތާރުގެ ބަންދަށް ހަތް ދުވަސް ޖަހައިފި

ބަންގްލަދޭޝްގެ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ބަންދަށް މިއަދު ހަތް ދުވަސް ޖަހައިފި އެވެ.

އަލަމްގީރާއެކު އެއްޖިއްސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް މިިދިޔަ މަހުގެ ފަހުކޮޅު އާންމުވިއިރު، ނާޒިމްގެ ވީޑިއޯ ތިލަވީ އެންމެ ކުރިންނެވެ. އޭރުއްސުރެ އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ.

ނާޒިމް ހައްޔަރުކުރީ އއ. އަތޮޅުގެ ރިސޯޓެއްގައި ހުއްޓައި ރޭގެ ވަގުތެއްގަ އެވެ. އެހެންވެ، އޭނާ މި ވަގުތު ހުރީ އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގަ އެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިޔައީ ވެސް އެ ރަށު ކޯޓަށެވެ.

މި މައްސަލައިގައި މިހާތަނަށް ހައްޔަރުކުރީ ފުލުހުން ބުނިގޮތުގައި ތިން މީހެކެވެ. އެއީ ނާޒިމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އުމުރުން 35 އަހަރުގެ އަބްދުއްރަހުމާން ރަފީއު އެވެ.

އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ގެންދިޔަ އެވެ. އެ މީހުންނަށް ޖެހީ ކިތައް ދުވަސް ކަމެއް އަދި ނޭނގެ އެވެ.

އަލަމްގީރާއެކު އެއްޖިންސުން އެތައް ބަޔަކު ގުޅުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާއިރު ފުލުހުން ބުނީ މީހުން ހައްޔަރުކުރަން ފެށީ މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކަމަށެވެ.

އެ ވީޑިއޯޓަކުން ފެންނަ މީހުންގެ ފޮރެންސިކް އެނަލިސިސް ހަދަމުން އަންނަ ކަމަށާއި ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް އެ ކަން ކުރުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގަށް އެންމެ ފުރަތަމަ ހައްޔަރުކުރީ އަލަމްގީރެވެ. މި މަހުގެ 12 ގައި އޭނާ ހައްޔަރުކޮށް، ދެ ބުރެއްގެ މަތިން ވަނީ ބަންދުގެ މުއްދަތު ޖަހައިފަ އެވެ.