29 ޖުލައި 2022 - 14:36

އެމްޓީސީސީން އަތޮޅުތެރޭގައި ފަށާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތަށް ބޭނުންވާ ބައެއް ބަސް އައްޑު އަށް ގެންގޮސްފި އެވެ.
އެމްޓީސީސީން ކުރި ޓްވީޓެއްގައި ބުނީ އައްޑު އަށް ބޭނުންވާ އަށް ބަސް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
އެ ބަސްތައް ބޭނުންކުރާނީ ގަން، ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫގައި، ހަތަރު ރޫޓަކަށް ބަހާލައިގެންނެވެ.
އައްޑޫ ހުޅުމީދު އަށް ހަތަރު ބަސް ގެންދަން ހަމަޖެހިފައިވާއިރު އެއާ ގުޅޭ އަޕްޑޭޓެއް އަދި ހާމައެއް ނުކުރެ އެވެ. ހުޅުމީދޫގައި ވެސް ހަތަރު ރޫޓަކުން ބަސް ދަތުރުކުރަން ވަނީ ހަމަޖެހިފަ އެވެ.
އާރްޓީއެލް މިނީބަހުގެ ހިދުމަތް ފަށަން އެމްޓީސީސީން ވަނީ 36 ބަސް ރާއްޖެ ގެނެސްފަ އެވެ. އޭގެ ތެރެއިން 12 ބަސް ބޭނުންކުރާނީ މާލޭގަ އެވެ. އެ ބަސްތަކަކީ ގާތްގަނޑަކަށް 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.
މާލޭގައި ބަހުގެ ޓްރަޔަލް ދަތުރުތައް ގާތްގަނޑަކަށް ތިން ހަފްތާތެރޭ ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، ރަށްރަށުގައި ވެސް އެ ހިދުމަތް ވަރަށް އަވަހަށ ފަށާނެ އެވެ.
މާލެ އާއި އައްޑޫގެ އިތުރުން ފުވައްމުލަކާއި ލ. ގަން ، ފޮނަދޫ އަދި ލ. އިސްދޫ ކަލައިދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ދޭން ވަނީ ހަމަޖެހިފަ އެވެ.