28 ޖުލައި 2022 - 19:44

ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ރިސޯޓެއްގައި ހުއްޓާ ދެންމެ ހައްޔަރުކޮށްފި އެވެ.
އަލަމްގީރާއެކު އެއްޖިއްސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް މިިދޔަ މަހުގެ ފަހުކޮޅު އާންމުވިއިރު، ނާޒިމްގެ ވީޑިއޯ ތިލަވީ އެންމެ ކުރިންނެވެ. އެއާއެކު އޭރުއްސުރެ އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ.
އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކުގައި އުޅޭ މީހުންގެ ތެރެއިން، މިއަދު މެންދުރު ފެށި އޮޕަރޭޝަންގައި ހައްޔަރުކުރަނީ މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުން ހައްޔަރުކުރުމުގެ އޮޕަރޭޝަން މެންދުރުފަހު ފެށިއިރު، ނާޒިމް ވީ އއ. އަތޮޅުގެ ރިސޯޓެއްގަ އެވެ. ކޯޓު އަމުރާއެކު އެ ރިސޯޓު ކައިރި އަށް ފުލުހުން ދިއުމުން ނާޒިމް އަމިއްލަ އަށް ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އެވެ. އެ ރިސޯޓަށް ފުލުހުން ނާރާ ކަމަށް ވެ އެވެ.
މި މައްސަލައިގައި މިއަދުގެ މިހާތަނަށް ހައްޔަރުކުރީ ފުލުހުން ބުނިގޮތުގައި ތިން މީހެކެވެ. އެއީ ނާޒިމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އުމުރުން 35 އަހަރުގެ އަބްދުއްރަހުމާން ރަފީއު އެވެ.
މައްސަލައިގެ ތަހުގީގަށް އެންމެ ފުރަތަމަ ހައްޔަރުކުރީ އަލަމްގީރެވެ. މި މަހުގެ 12 ގައި އޭނާ ހައްޔަރުކޮށް، ދެ ބުރެއްގެ މަތިން ވަނީ ބަންދުގެ މުއްދަތު ޖަހައިފަ އެވެ.
ފުލުހުން މިއަދު ބުނީ، އަލަމްގީރާއެކު ވީޑިއޯތަކުން ފެންނަ މީހުންގެ ފޮރެންސިކް އެނަލިސިސް ހަދަމުން އަންނަ ކަމަށާއި ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް އެ ކަން ކުރުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއް ކަމަށެވެ.