28 ޖުލައި 2022 - 19:35

ބަންގްލާދޭޝްގެ މީހެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ފެންނަ ވީޑިއޯތައް އާންމުވުމާ އެކު ސައްހަ ނޫން ފޮޓޯ އާއި ވީޑިއޯތައް ހަދައިގެން މީހުންގެ އަބުރު ނަގާލުމަށް އެކި މަގްސަދުތަކުގައި ބަޔަކު މަސައްކަތްކުރި ކަމަށާއި މިފަދަ މައްސަލަތަކުގައި ބޭނުންވާ ފޮރެންސިކް އެނަލިސިސް ހެދުމަށް ވަރަށް ގިނަ ވަގުތު ހޭދަވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެދަށުން ހައްޔަރުކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ. އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނީ ވީޑިއޯ އާއި ފޮޓޯތައް އާންމުވި ވަގުތު ދޮގު ޚަބަރު ފަތުރައިގެން މީހުންގެ އަބުރަށް އަރައިގަތުމަށާއި ބަދުނާމުކޮށް އެބަޔަކު ނުރުހޭ މީހުންގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމު ނަހަމަ ގޮތުގައި ހިންގުމަށް މަގުފަހިކުރުވުމަށް މަސައްކަތްކުރަމުންދިޔަަ ކަމަށެވެ.
"...މިފަދަ ފޮޓޯއާއި ވީޑިއޯ ހިމެނޭ މައްސަލަތަކުގައި ތަހްގީގު ވަކި ފިޔަވަޅުތަކެއް ފަރުދީގޮތުން މީހުންނާ މެދު އެޅުމުގެ ކުރިން ވީޑިއޯ އާއި ފޮޓޯތަކުގެ ފޮރެންސިކް ތަހްލީލުތައް މި ޚިދުމަތުގެ ފޮރެންސިކް ސާވިސްއިންކޮށް، ވީޑީއޯ އާއި ފޮޓޯތަކުގެ ސައްހަކަށް ކަށަވަރުކޮށް އެފަދަ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ އައިޑެންޓީޓީ ފޮރެސިކް ތަހްލީލުން ކަށަވަރުކުރުމަށް މި ހިދުމަތުން މިދަނީ މަސައްކަތްކުރަމުން. މިގޮތުން ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއްކަން ފާހަގަކުރަން،" ފުލުހުންގެ މެސެޖުގައިވެ އެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުން އަންނަ މި މައްސަލާގައި ހިމެނޭ ކަމަށް ބުނެ އާންމުކުރި ބައެއް ފޮޓޯތަކާއި ވީޑިއޯތައް ފަހުން އެއީ އަސްލެއް ނޫންކަން އެނގިފައިވެ އެވެ. އެކަމަކު ފޮޓޯތަކާއި ވީޑިއޯތަކުގެ ސައްހަކަން ކަށަވަރު ވުމުގެ ކުރިން ވެސް މީޑިއާގައި އެކި ގޮތްގޮތަށް ޚަބަރު ފަތުރާފައިވެ އެވެ. މިފަދަ އެއް މައްސަލައެއްގައި ވަނީ އަބުރުގެ ދައުވާ ވެސް ކޮށްފަ އެވެ.
އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ބައެއް މީހުން މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި މިހާތަނަށް ފޮރެންސިލް ތަހްލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވީޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގުގެ އިޖުރާއަތުތައް އަންނަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ހިމެނޭ، ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ މީހުން ނިސްބަތްވާ އޮފީސްތަަކަށް އެމީހުންގެ މައްސަލަތައް ތަހުގީގުކުރަމުން އަންނަކަން އަންގަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިމައްސަލާގައި ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ނުވަތަ މަޑު ޖައްސާލުމަށް ފުލުހުންނަށް އަންގަމުންދާކަމަށް ފަތުރާ ޚަބަރަކީ ވެސް ދޮގެއް ކަމަށް ފުލުހުން ބުންޏެވެ.
އަލަމްގީރާ އެކު އެތައް ސަތޭކަ ބަޔަކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބެލެވޭއިރު އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުންގެ ވީޑިއޯ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.