28 ޖުލައި 2022 - 18:42

ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އަލަމްގީރާއެކު، ބަޔަކު އެކި ފަހަރު މަތިން އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑީއޯތަކުގެ މައްސަލައިގެ ތަހުގީގަށް އެއްވެސް ބައެއްގެ ނުފޫޒެއް ނެތް ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ބައެއް ވިޔަފާރިވެރިން އަދި ބައެއް އާންމުން ވެސް އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކުގައި އުޅޭ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ އޮޕަރޭޝަނެއް މިއަދު މެންދުރުފަހު ފަށައި މިހާތަނަށް ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެއީ އުމުރުން 35 އަހަރުގެ ފިރިހެނަކާއި 45 އަހަރުގެ ފިރިހެނެކެވެ. އޭގެ ތެރެއިން އެކަކީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.
އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހިމެނުނަސް އޭނާ ރަށުގައި ނެތުމުން އަދި ހައްޔަރެއް ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި ނާޒިމް ވީ ރިސޯޓެއްގަ އެވެ.
އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރަން ފުލުހުން މިއަދު ފެށި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ބުނީ، އެ މައްސަލައިގައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ނުވަތަ މަޑުޖައްސައިލުމަށް ފުލުހުންނަށް އަންގަމުންދާ ކަމަށް ބުނެ ފަތުރާފައިވާ ޚަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތެއް ކަމަށެވެ.
"އެއްވެސް ފަރާތަކުން މި މައްސަލައިގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގު ވަކި ގޮތަކަށް ގެންދިއުމަށް ނުވަތަ ވަކި ފަރާތެއްގެ މައްސަލައަށް ވަކި ގޮތެއް ހެދުމަށް ނުފޫޒެއް ފޯރުވާފައި ނުވޭ. މި މައްސަލައިގެ އިތުރު ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ކުރަމުން،" ފުލުހުންގެ މީޑިއާގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ފުލުހުން ބުނިގޮތުގައި، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރަނީ މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކަމަށެވެ.
"ވަނަވަރު ހާމަކުރުމުގައި ފުލުހުން އަމަލުކުރާ އާންމު މިންގަނަކީ ކޯޓަށް ހާޒިރު ކުރުމަށް ފަހު، ހާމަކުރަންޖެހޭ މައްސަލަތަކުގައި ވަނަވަރު ހާމަކުރުން،" އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރާ މީހުންނާ މެދު ވެސް އަމަލުކުރާނީ އެ ބީދައިންކަން ފާހަގަކުރަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ، ޖިނާޢީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއް ކަމަށެވެ. އަދި މިހާތަނަށް ފޮރެންސިކް ތަހްލީލުތަކުން ކަށަވަރު ކުރެވިފައިވާ ވީޑިއޯ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގީ އިޖުރާއަތުތައް މި މައްސަލަތަކުގައި އަންނީ ހިންގަމުން ކަމަށް ބުނެ އެވެ.
"މީގެ ތެރޭގައި ތަހުގީގަށް މީހުން ހައްޔަރުކުރުމާއި މި ފަދަ މައްސަލަތަކުގައި އެކަށީގެންވާ މިންވަރަށް ހެއްކާއި ޤގަރީނާ ހޯދިފައިވާ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަަކަށް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަން އެންގުން ހިމެނޭ،" ފުލުހުން ބުންޏެވެ.