28 ޖުލައި 2022 - 17:49

އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރަން މިއަދު މެންދުރުފަހު ފެށިއިރު، އެ މައްސަލާގައި ތުހުމަތު ކުރެވޭ ވަކީލް ނާޒިމް ސައްތާރު ރިސޯޓަކަށް ފުރައިގެން ހިނގައްޖެ އެވެ.
ބިދޭސީއަކާއެކު ގިނަ ދިވެހިންތަކެއް އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމުގެ އޮޕަރޭޝަންގައި ފުލުހުން މިއަދު ވަނީ ބައެއް މީހުން ހައްޔަރު ކޮށްފަ އެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ހައްޔަރުކުރަން ކޯޓު އަމުރު ހޯދުމާ އެކު، އޭނާ މާލެއިން ފުރައިގެން ރިސޯޓަކަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އޭނާ ހޯދުމަށް ފުލުހުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށް އެނގިފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް، އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ. އޭނާގެ އިތުރުން އެ މައްސަލާގައި ދެން ތުހުމަތު ކުރެވޭ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މީހުންނާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ބަންގްލަދޭޝްގެ އަލަމްގީރް މި މަހުގެ 12 ގައި ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަދިވެސް ހުރީ ބަންދުގަ އެވެ.