ވޫހާންގެ ބޮޑު އަވަށެއް އަނެއްކާ ވެސް ފުރަބަންދުގައި
ވޫހާންގެ ބޮޑު އަވަށެއް އަނެއްކާ ވެސް ފުރަބަންދުގައި

ޗައިނާގައި އެންމެ ފުރަތަމަ ކޮވިޑް-19 ބަލި ފެތުރެން ފެށި ވޫހާން ސަހަރުގައި ދިރިއުޅޭ ހަތަރު މީހަކަށް ކޮވިޑް ބަލި ޖެހުމާ ގުޅިގެން، އެ ސަހަރުގެ ވަކި ސަރަހައްދުތަކެއް ފުރަބަންދުކޮށްފި އެވެ.

ޗައިނާގެ މެދުތެރޭ ސަހަރެއް ކަމަށްވާ ވޫހާންގެ ޖިއަންގްޒިއާ އަވަށުގައި ދިރިއުޅޭ ރައްޔިތުން، މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ގެއިން ބޭރަށް ނުނިކުމެ ތިބުމަށް، ޗައިނާ ސަރުކާރުން މިހާރު ވަނީ އަންގައިފަ އެވެ. އެ އަވަށުގެ ހަތަރު މީހެއްގެ ހަށިގަނޑުން ކޮވިޑްގެ އަލާމާތްތައް ފެނުމާ ގުޅިގެން، މުޅި އެސަހަރު ފުރަބަންދު ކުރުމަށް ފަހު، އެ ސަހަރުގައި ދިރިއުޅޭ މީހުން ކޮވިޑަށް ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ޗައިނާ އިން އިއުލާން ކޮށްފައިވާ "ޒީރޯ ކޮވިޑް" ސްޓްރެޓެޖީގެ ދަށުން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޓެސްޓު ކުރުމާއެކު، ބަލި ޖެހޭ މީހުން އެކަހެރިކޮށް، ބަލި ފެތުރޭ ސަރަހައްދުތައް ފުރަބަންދުކުރެވޭނެ އެވެ. ޗައިނާ އިން ވަރަށް ހަރުކަށި ގޮތެއްގައި މި ފިޔަވަޅުތައް އަޅަމުން ދިއުމާ ގުޅިގެން، ކޮވިޑް ފެތުރޭ އެހެން ގައުމުތަކުގައި މީހުން މަރުވާ ނިސްބަތާ އަޅައި ބަލާއިރު، ޗައިނާގައި ކޮވިޑް ޖެހިގެން މީހުން މަރުވާ ނިސްބަތް އޮތީ ވަރަށް ދަށުގަ އެވެ.

ވޫހާން ސިޓީގައި ޖުމްލަ 12 މިލިއަން މީހުން ދިރިއުޅޭ އިރު، މިފަހަރު ކޮވިޑް ފެނުނު އަވަށުގައި އެކަނިވެސް މިލިއަނެއްހާ މީހުން ދިރިއުޅެ އެވެ. އެ އަވަށުން މިފަހަރު ކޮވިޑް ޖެހިފައިވާ ދެ މީހަކު ފާހަގަކުރެވުނީ، އާދައިގެ މަތިން ކުރަމުން ދިޔަ ޓެސްޓުތަކުގެ ތެރެއިން މީގެ ދެ ދުވަސް ކުރިންނެވެ. އެއަށް ފަހު އެ ދެ މީހުންނާ ބައްދަލުވި މީހުން ދެނެގަނެ ޓެސްޓުތައް ހަދަމުން ދަނިކޮށް، އޭގެ ތެރެއިން އިތުރު ދެ މީހެއްގެ ހަށިގަނޑުން ކޮވިޑް ވައިރަސް ފެނުނީ އިއްޔެ އެވެ.

ޗައިނާގެ މާލީ ވެރިރަށުގެ ގޮތުގައި މަޝްހޫރުވެފައިވާ ޝަންހާއީ އިން ގިނަ ބަޔަކަށް ކޮވިޑް ޖެހެން ފެށުމާއެކު، އެ ސަހަރު އެކުގައި ފުރަބަންދުކޮށް ދެ މަސްދުވަހު ބޭއްވުމަށް ފަހު، ފުރަބަންދުން ދޫކޮށްލީ މިދިޔަ މަހުގެ ތެރޭގަ އެވެ. ގާތްގަނޑަކަށް 25 މިލިއަން މީހުން ދިރިއުޅޭ ޝަންހާއީ ފުރަބަންދުކުރުމާ ގުޅިގެން ޗައިނާގެ ގައުމީ އާމްދަނީ އަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބުނެވެ.

ޝަންހާއީގައި ކޮވިޑް ފެތުރެން ފެށުމުން އެ ސަހަރު ފުރަބަންދުކުރުމަށް ފަހު ސަރުކާރުން އެންގީ، އެ ސަހަރުގެ ކާރުޚާނާތަކުގައި މަސައްކަތް ކުރާ މީހުން، އެމީހުން މަސައްކަތްކުރާ ތަންތަނުގައި ދިރިއުޅުމަށެވެ. އެ ގޮތަށް ސަރުކާރުން ނިންމީ، އިގްތިސާދީ މަސައްކަތްތަކަށް ހުއްޓުމެއް އަޔަނުދީ ކުރިއަށް ގެންދިއުމަށާއި، އިތުރު މީހުންނަށް ކޮވިޑް އެރުން ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.