28 ޖުލައި 2022 - 15:19

ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ އިތުރު މީހުން ހައްޔަރުކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ދެންމެ ފަށައިފި އެވެ.
އަލަމްގީރާއެކު، އޭނާގެ ކޮޓަރީގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ހަރަކާތްތެރިވާ ވީޑިއޯ ވެސް އާންމު ވެފައިވާއިރު، ކާނަލް ވެސް މީގެ އިރުކޮޅެއް ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ. އިތުރު މީހުން ވެސް މިއަދު ހައްޔަރު ކުރާނެ ކަމަށް އެނގިފައި ވެ އެވެ.
އަލަމްގީރާއެކު، ސަރުކާރުގެ އެކި ފަންތީގެ ބައެއް މީހުންނާއި އާންމުންގެ ތެރެއިން އަދި ބައެއް ވިޔަފާރިވެރިން ހިމެނޭ ގޮތަށް އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވީ މިދިޔަ މަހުގެ ފަހުކޮޅުގަ އެވެ. އެހެންވެ، އަަލަމްގީރު މި މަހުގެ 12 ގައި ހައްޔަރުކޮށް ފުލުހުން ވަނީ ތަހުގީގު ފަށައިފަ އެވެ.
އަދި އެ މައްސަލައިގެ ތުހުމަތު ކުރެވޭ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ވެސް ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. ނާޒިމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ކާނަލް ވެސް އޭގެ ތެރެއިން އެއް ވީޑިއޯއަކުން ފެންނާތީ އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.
އެނގިފައިވާ ގޮތުގައި މިހާތަނަށް ފެނުނު ވީޑިއޯތަކުގެ ފޮރެންސިކް އެނަލައިސިސް އިން ކަށަވަރުވާ އެންމެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރަން ފުލުހުން ވަނީ ނިންމައިފަ އެވެ. މިހާރު ވަނީ ކޯޓު އަމުރު ވެސް ހޯދައިފަ އެވެ.
އަލަމްގީރާއެކު، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިންނާއި އެހެން މުވައްޒަފުން ހިމެނޭތީ، އެ މީހުންގެ މައުލޫމާތު ވެސް ފުލުހުންގެ އިދާރާ އިން އެ އިދާރާތަކާ ހިއްސާ ކުރަމުން އަންނަ ކަމަށް ވެ އެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި ކަސްޓަމްސްގެ އޮފިސަރަކު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުން ލަސްވީ، ބައެއް މީހުންގެ ފޭކް ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމު ވެފައި ވާތީ ބައެއް ކަންކަން ކަށަވަރު ކުރަން ވަގުތު ނެގުމުންނެވެ. އަދި ވީޑިއޯތަކުން ފެންނަ މީހުންނަކީ ކޮން ބައެއްކަން ދެނެގަންނަން ވެސް ވަގުތު ނެގި ކަމަށް ވެ އެވެ.