29 ޖުލައި 2022 - 08:51

ޕްރޮޑިއުސަރު ރިއާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމަށް ސޮއިކޮށްފައިވާކަން ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު އިއުލާންކޮށްފި އެވެ.
ކަރީނާ ވަނީ މީގެ ކުރިން ވެސް ރިއާއާ އެކު މަސައްކަތް ކޮށްފަ އެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ނެރުނު، ހަތަރު އަންހެނެއްގެ ދިރިއުޅުން ދައްކުވައިދޭ "ވީރޭ ދި ވެޑިން" ގައި ކަރީނާގެ އިތުރުން ސޯނަމް ކަޕޫރާއި ސްވަރާ ބަސްކާރް އަދި ޝިކާ ތަލްސަނީ މަސައްކަތް ކުރި އެވެ.
އަނެއްކާވެސް އަންހެނުންތަކެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެއް ޕްރޮޑިއުސް ކުރުމަށް ރިއާ ތައްޔާރުވެފައިވާއިރު، އެ ފިލްމަކީ "ވީރޭ ދި ވެޑިން 2" އެއް ނޫނެވެ. އެއީ މުޅިން ތަފާތު ޕްރޮޖެކްޓެއް ކަމަށް ކަރީނާ ބުނެ އެެވެ.
އެ ފިލްމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ކަރީނާ ބުނެ އެވެ.
ކަރީނާގެ އިތުރުން އެ ފިލްމުގައިި ބިގްބޮސް އިން މަގްބޫލުވި ޝެހެނާޒް ގިލް ވެސް ފެންނާނެ ކަމަށް ކުރިން ރިޕޯޓް ކުރި އެވެ. އެކަމަކު އޭނާ އެކަން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
ކަރީނާގެ ކުރިއަށް އެންމެ އަވަހަށް ފެންނާނެ ފިލްމަކީ އާމިރު ހާނާ އެކު އޭނާ ކުޅެފައިވާ "ލާލް ސިންގް ޗައްދާ" އެވެ. އެންމެ ފަހުން އޭނާ ފެނުނީ 2020 ގައި ނެރުނު "އެންގްރޭޒީ މީޑިއަމް" އިންނެވެ.