މިނީ ބަހުގެ ހިދުމަތް ފަށަން ތިން ހަފްތާވަރު ނަގާނެ
މިނީ ބަހުގެ ހިދުމަތް ފަށަން ތިން ހަފްތާވަރު ނަގާނެ

މިނީ ބަހުގެ ހިދުމަތް ފެށުމަށް ސިޓީ ކައުންސިލްއާ އެކު މަސައްކަތްތައް ކުރިއަށް އެބަ ދާ ކަމަށާއި ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި މިނީ ބަހުގެ ޓްރަޔަލްތައް މާލޭގައި ފަށާނެ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވީ، ބަހުގެ ހިދުމަތް ފެށުމަށް ޓަކާއި މާލޭގެ ބޮޑެތި ގިނަ މަގުތަކެއްގެ ޕާކިންތައް ހުސްކުރަން ޖެހޭ ކަމަށެވެ. އަދި އޭގެ މަސައްކަތްތައް ސިޓީ ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް 64 ޕާކިން ސްލޮޓް ވަނީ ދޫކޮށްފަ
އެވެ. ބަހުގެ ހިދުމަތް ފެށެން އޮތީ އެ ޕާކިން އޭރިއާތައް އެހެން ސަރަހައްދުތަކަށް ބަދަލުކޮށްގެންނެވެ.

"އަމާޒަކީ ޕާކިން މައްސަލަތައް މި މަސް ނިމޭ އިރު ނިންމާލުން. އަދި އެއަށް ފަހު ދެ ހަފްތާ، ތިން ހަފްތާ ފަހުން ބަހުގެ ހިދުމަތް ފެށޭނެ ކަމަށް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.

މިނީ ބަހުގެ ހިދުމަތް ދޭން ފެށުމަށް ސިޓީ ކައުންސިލުން އެއްވެސް އެއްބާރުލުމެއް ނުދޭ ކަމަށް އެމްޓީސީސީގެ މެނެޖިން ޑިރެކްޓަރު އާދަމް އާޒިމް މިދިޔަ ހަފްތާގައި ވިދާޅުވި އެވެ. އެހެން ނަމަވެސް މިހާރު ދެ ފަރާތުގެ ހުރި މައްސަލަތަކަށް ވަނީ ހައްލު ހޯދިފަ އެވެ.

މާލޭގެ ބޮޑެތި މަގުތައް ކަމަށްވާ މަޖީދީމަގާއި އަމީނީމަގާއި އޯކިޑްމަގު ފަދަ މަގުތަކުގައި މިނީ ބަސް ދަތުރު ކުރާނެ އެވެ. އެ މަގުތަކުގެ ޕާކިން އޭރިއާތައް ހުސްކުރުމަށް ފަހު ބަސް ސްޓޮޕްތައް ހަދާނެ އެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ވަނީ 36 ބަސް ރާއްޖެ އަށް ގެނެސްފަ އެވެ. އޭގެ ތެރެއިން މާލޭގައި 12 ބަސް ބޭނުން ކުރާނެ އެވެ.

މިނި ބަހުގައި 22 މީހުންނަށް އެއްފަހަރާ ދަތުރު ކުރެވޭނެ އެވެ. މާލޭގެ އެކި ހިސާބުތަކުން ކޮންމެ 10 މިނިޓަކުން ބަސް ދަތުރުތައް ބާއްވާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. މާލޭގެ އިތުުރުން އައްޑު އާއި ފުވައްމުލަކު އަދި ލ. އަތޮޅުގައި ވެސް މިނީ ބަހުގެ ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.