މަލް އާއި ދޮންއައްޔަގެ ޖޯޑު ޑްރާމާ ސިލްސިލާއަކަށް
މަލް އާއި ދޮންއައްޔަގެ ޖޯޑު ޑްރާމާ ސިލްސިލާއަކަށް

ޒުވާން ދެ ތަރިން ކަމަށްވާ މަލީހާ ވަހީދު (މަލް) އާއި އަލީ އާޒިމް (ދޮންއައްޔަ) ލީޑް ރޯލް ކުޅޭ ޑްރާމާ ސިލްސިލާއެއް ޑައިރެކްޓް ކުރަން އަމްޖަދު އިބްރާހީން (އަމްޖޭ) ތައްޔާރުވެއްޖެ އެވެ.

މަލް އާއި ދޮންއައްޔަގެ ޖޯޑު ޑްރާމާ ސިލްސިލާއަކަށް
މަލް އާއި ދޮންއައްޔަގެ ޖޯޑު ޑްރާމާ ސިލްސިލާއަކަށް

އޭނާގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާ ފަސް އެޕިސޯޑްގެ މި ޑްރާމާއަކީ ހުސައިން މުނައްވަރު (ކުޑަފޫޅު) ޕްރޮޑިއުސް ކުރާ އެއްޗެކެވެ.

މަލް އާއި ދޮންއައްޔަ އެކުގައި ފެނިގެންދާ ފުރަތަމަ ޑްރާމާއަށެވެ. އަދި މިއީ "ބައިވެރިޔާ" އާއި "ވަފާތެރި ކެހިވެރިޔާ" ފަދަ ފިލްމްތައް ކުޅެފައިވާ އަމްޖޭއާ އެކު މަލް މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

ދޮންއައްޔަ ވަނީ އަދި ރިލީޒް ނުވެ އޮތް އަމްޖޭގެ "ގިލަން" ގައި ވެސް މުހިއްމު ރޯލެއް ކުޅެފަ އެވެ.

"މާދަމާ ވެސް ޝޫޓިން ފެށޭ ވަރަށް ހަމަ ތައްޔާރުވެފައި މި ތިބީ. އަހަރެންގެ ސައިޑުން ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ހުރީ ނިމިފައި. ހުސައިން ހަމަ ސްޓާޓްއޭ ބުނާ އިރަށް މަސައްކަތް ފެށޭނެ،" އަމްޖޭ ބުންޏެވެ.

އޭނާ ބުނީ މި ޑްރާމާއަކީ ބޯހިޔާވަހިކަމުގެ މައްސަލަ ދިމާވާ ދެ ޒުވާނެއްގެ ވާހަކަ، ލޯތްބާއި ބިރުވެރިކަން ވެސް ހިމަނައިގެން ހަދާ އެއްޗެއް ކަމަށެވެ.

"ކޮންމެވެސް ވަރަކަށް ބިރުވެރި ކަންތައްތަކެއް ހުންނާނެ. އެކަމަކު މީގެ ސްޓޯރީއަކީ ބޯހިޔާވަހިކަމުގެ މައްސަލަތަކަކާ ހެދި ޒުވާން ދެ ލޯބެރިއަކަށް ދިމާވާ ކަންތައްތަކެއް ފެނިގެން ދާނެ އެއްޗެއް،" އަމްޖޭ ބުންޏެވެ.

އޭނާ ބުނީ ޑްރާމާގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ މާލެ އާއި ހުޅުމާލޭގައި ކަމަށެވެ.

އަމްޖޭ ބުނީ މި ޑްރާމާ ސިލްސިލާ ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް ބުނަން އޭނާ އަށް ދަތި ކަމަށެވެ.

"އަހަންނާ ހަވާލުވެފައި މިއޮތީ މީތި ތައްޔާރު ކުރުމުގެ މަސައްކަތް. ދެން ޑްރާމާގެ ޕްރޮމޯޝަނާއި މީތި ދައްކާނެ ޗެނަލެއް ފައިނަލް ކުރާނީ ޕްރޮޑިއުސަރު ހުސައިން،" އޭނާ ބުންޏެވެ.