28 ޖުލައި 2022 - 11:26

ޖަރުމަން ވިލާތާއި މެދުތެރޭ ޔޫރަޕްގެ ގައުމުތަކަށް ގޭސް ފޮނުވާ މިންވަރު ޗައިނާ އިން މަދުކޮށްލުމާ ގުޅިގެން، ޔޫރަޕްގައި ގުދުރަތީ ގޭހުގެ އަގުތައް އިއްޔެ އަނެއްކާ ވެސް އުފުލިއްޖެ އެވެ.

ރަޝިޔާ އިން ފަށައިގެން ވިލާތުގެ އެކި ގައުމުތަކުގެ ތެރެއިން ޖަރުމަން ވިލާތާ ހަމައަށް އަޅާފައިވާ 1224 ކިލޯމީޓަރުގެ ގޭސް ހޮޅި، ނޯޑް ސްޓްރީމް 1 އިން، ގޭސް ފޮނުވާ މިންވަރު މިދިޔަ މަހުން ފެށިގެން ވަނީ 40 ޕަސެންޓް އުނިކޮށްފަ އެވެ. އޭގެ ފަހުން އެ ހޮޅި މަރާމާތު ކުރުމަށްޓައި ގޭސް ފޮނުވުން 10 ދުވަހަށް މެދުކަނޑައިލުމަށް ފަހު، އެ ހޮޅިން އަލުން ގޭސް ފޮނުވަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އަދި އިއްޔެ އިން ފެށިގެން އެ ހޮޅިން ޔޫރަޕަށް ގޭސް ފޮނުވާ މިންވަރު ވަނީ، ކުރިން ފޮނުވަމުން ދިޔަ ވަރަށް ވުރެ 37 ޕަސެންޓް މަދުކޮށްފަ އެވެ. އެހެންކަމުން އިއްޔެ އިން ފެށިގެން އެ ހޮޅިން ޔޫރަޕަށް ފޮނުވާނީ، އެވްރެޖް ގޮތެއްގައި ދުވާލަކު 33 މިލިއަން ކޮޑި މީޓަރުގެ ގޭހެވެ.
ރަޝިޔާ އިން ޔޫރަޕަށް ގޭސް ފޮނުވުމުގައި މި ކުރިމަތި ކުރި ދަތިތަކުގެ ސަބަބުން، ޔޫރަޕްގައި ގޭހުގެ އަގުތައް އިއްޔެ އިން ފެށިގެން ވަނީ އުފުލެން ފަށައިފަ އެވެ. ވިޔަފާރި ކުންފުނިތަކުން ބުނާ ގޮތުގައި މިއީ، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ޔޫރަޕްގައި ގޭހުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
ރަޝިޔާ އިން ބުނާ ގޮތުގައި ޔޫރަޕަށް ގޭސް ފޮނުވާ މިންވަރު މަދުކުރަން މަޖުބޫރުވީ، ޔޫރަޕަށް ގޭސް ފޮނުވާ ސްޓޭޝަންތަކުގައި ހުރި ބައެއް ޕަމްޕުތައް މަރާމާތުކުރެވޭނެ ގޮތް ނުވުމުންނެވެ. އެ ޕަމްޕުތައް މަރާމާތު ކުރަނީ ކެނެޑާގެ ކުންފުންޏަކުން ކަމަށްވާއިރު، ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ކެނެޑާގެ ކުންފުނިން ވަނީ އެ ޕަމްޕުތައް މަރާމާތުކޮށްދިނުމަށް ދެކޮޅު ހަދައިފަ އެވެ.
ނަމަވެސް، ހުޅަނގުގެ ސިޔާސީ ވެރިން ތުހުމަތުކުރާ ގޮތުގައި ރަޝިޔާ އިން ގޭހުގެ ވިޔަފާރި މިހާރު ވަނީ ސިޔާސީ ހަތިޔާރަކަށް ހަދައިފަ އެވެ. ޖަރުމަން ވިލާތުން ބުނާ ގޮތުގައި ގޭސް ފޮނުވާ މިންވަރު މަދުކުރަންޖެހޭ ފަދަ ޓެކްނިކަލް މައްސަލައެއް، ގޭސް ފޮނުވާ ޕަމްޕު ސްޓޭޝަންތަކަށް ކުރިމައްޗެއް ނުވެ އެވެ.
ޔޫކްރޭން ހަނގުރާމަ ފެށުމުގެ ކުރިން، ޖަރުމަން ވިލާތަށް ބޭނުންވާ ގޭހުގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މިންވަރަކަށް ގޭސް ގަންނަނީ ރަޝިޔާ އިންނެވެ. އަދި ރަޝިޔާ އިން ޖަރުމަނަށް ވިއްކާ ގޭސް މައިގަނޑު ގޮތެއްގައި ޖަރުމަން ވިލާތަށް ފޮނުވަނީ ނޯޑް ސްޓްރީމް 1 ގޭސް ހޮޅިންނެވެ.
އިނގިރޭސި ވިލާތަށް އެތެރެކުރާ ގޭހުގެ ތެރެއިން، ރަޝިޔާ އިން ގަންނަނީ އެންމެ ފަސް ޕަސެންޓަށް ވުރެ ވެސް މަދު މިންވަރެއް ކަމަށްވާތީ، ރަޝިޔާގެ މި ފިޔަވަޅުގެ ސަބަބުން، އިނގިރޭސި ވިލާތަށް ސީދާ އަސަރެއް ނުކުރާނެ އެވެ. ނަމަވެސް ޔޫރަޕްގެ ބާޒާރުގައި ގޭހުގެ އަގުތައް އުފުލިފައިވާތީ، އެކަމުގެ ސަބަބުން ނުސީދާ އަސަރުތައް އިނގިރޭސި ވިލާތަށް ވެސް ކުރާނެ އެވެ.
ޔޫރަޕްގެ ބާޒާރުގައި ގޭހުގެ ހޯލްސޭލް އަގު އިއްޔެ ހުރީ، މެގަވޮޓް އަވާ އަކަށް 204.85 ޔޫރޯގަ އެވެ. މިއީ ޔޫކްރޭން ހަނގުރާމަ ފެށުނު ފަހުން ތިން ވަނަ އަށް އެންމެ ބޮޑު އަގެވެ. ޔޫކްރޭން ހަނގުރާމަ ފެށުނު ފަހުން ޔޫރަޕްގައި ގޭހުގެ އަގު މިހާތަނަށް އެންމެ މައްޗަށް ދިޔައީ މެގަވޮޓް އަވާ އަކަށް 210.50 ޔޫރޯ އަށެވެ.
މިދިޔަ އަހަރުގެ މި ދުވަސްވަރު ޔޫރަޕްގެ ބާޒާރުގައި ގޭހުގެ ހޯލްސޭލް އަގު ހުރީ މެގަވޮޓް އަވާ އަކަށް 37 ޔޫރޯގަ އެވެ.