28 ޖުލައި 2022 - 01:18

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިއަދު ކްލަބް ޓީނޭޖުން 8-0 ގެ ބޮޑު ތަފާތަކުން ލޮރެންޒޯ ސްޕޯޓްސް ކްލަބް ބަލި ކޮށްފި އެވެ.
މިރޭ ލިޓްލް ޓައުން (އެލްޓީ) ސްޕޯޓްސް ކްލަބުން މަހިބަދޫ ސްޕޯޓްސް ކްލަބް ބަލިކޮށް، ގުރޫޕު 2 ގެ އެއްވަނައަށް ޖެހިލައިފި އެވެ.
މިހާތަނަށް ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާ އެކު ޓީނޭޖް މިވަގުތު އޮތީ ގުރޫޕްގެ ތިންވަނައިގަ އެވެ. ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ ފަސޭހަ ކަމާ އެކު މަހިބަދޫ ބަލިކޮށްފަ އެވެ.
ލޮރެންޒޯ ސްޕޯޓްސް ކުލަބް މިހާތަނަށް ހަތަރު މެޗު ކުޅެފައި ވާއިރު، އަދި ޕޮއިންޓެއް ނުހޯދެ އެވެ. ބައިކޮޅަށް ގިނަ ގޯލުތަކެއް ވަދެފައި ވާއިރު، މުބާރާތުގައި އަދި ކާމިޔާބު ކުރެވުނީ މަހިބަދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ހަމައެކަނި ލަނޑެވެ.
މިއަދުގެ މެޗުގައި ޓީނޭޖްގެ ބިދޭސީ ފޯވާޑް އަހުމަދު އަލީ އަފީފީ ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. މެޗުގެ 25 ވަނަ މިނިޓުގައި އަފީފީ، ޓީނޭޖަށް ލީޑު ނަގައިދިން އިރު، ދެވަނަ ލަނޑު ޖެހީ 45 ވަނަ މިނިޓުގަ އެވެ. އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ، ދެވަނަ ހާފް ފެށިގެން މެޗުގެ 53 ވަނަ މިނިޓުގައި ކާމިޔާބުކުރި ލަނޑުންނެވެ.
ޓީނޭޖްގެ ހަތަރުވަނަ ލަނޑު 58 ވަނަ މިނިތުގައި ޖަހައިދިނީ އުޒްބެކިސްތާނުގެ ޑިފެންޑަރު ފުރްކަޓް ލަސަންބޮއެވް އެވެ. އަދި 63 ވަނަ މިނިޓުގައި ފަސްވަނަ ލަނޑު ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ އަހުމަދު މަހުމޫދު އަބްދުލްފައްތާހެވެ. މެޗުގެ 73 ވަނަ މިނިޓުގައި އަލީ އަހުމަދު ހަވަނަ ލަނޑު ޖަހައިދީފައި ވަނިކޮށް، ދެ މިނިޓް ފަހުން އަފީފީ ވަނީ އޭނާގެ ހަތަރުވަނަ ލަނޑު ޖަހައިފަ އެވެ.
މެޗުގައި ޓީނޭޖުން ޖެހި ތަށްވަނަ ލަނޑު 87 ވަނަ މިނިޓުގައި ޖެހީ، އަފީފީގެ ބަދަލުގައި ފަހު 15 މިނިޓަށް ކުޅެން އެރި، ކުރިން ދިވެހި ލީގު އެއްވަނަ ޑިވިޝަނުގައި ކްލަބް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ކުޅުނު ބާހްޖާތު އަބްދުލްއަޒީޒެވެ.
އެލްޓީ ސްޕޯޓްސް ކުލަބުން މިރޭ ޓާފް ދަނޑުގައި މަހިބަދޫއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 3-1 އިންނެވެ.
އެލްޓީ ސްޕޯޓްސް ކުލަބުން ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަ ކަމާ އެކު ލޮރެންޒޯ ސްޕޯޓްސް އަތުން މޮޅު ވެފަ އެވެ. ދެވަނަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކުލަބް އަތުން ޕޮއިންޓެއް ހޯދި އިރު، ބީޖީ ސްޕޯޓްސް ކުލަބް އަތުން ވެސް ވަނީ މޮޅު ވެފަ އެވެ.
އެލްޓީ އިން ވަނީ މެޗުގެ ހަވަނަ މިނިޓުގައި ލީޑު ނަގައިފަ އެވެ. ލީޑު ނަގައިދިން ލަނޑު ޖަހައިދިނީ އިސްމާއިލް މަހެފޫޒެވެ. އަދި ދެވަނަ ލަނޑު 14 ވަނަ މިނިޓުގައި ޖަހައިދިނީ އިސްމާއިލް ވިފާގު (އިއްސޭ) އެވެ. މިއީ ވިފާގު މުބާރާތުގައި ޖެހި ފަސްވަނަ ލަނޑެވެ. ވިފާގު ވަނީ އެލްޓީ ސްޕޯޓްސް މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ވަނިކޮށް މަހިބަދޫގެ ކެޕްޓަން އިސްމާއިލް ނަޒީރު ވަނީ ލަނޑެއް ޖަހައި، ޕޮއިންޓެއް ހޯދުމުގެ އުންމީދެއް ހޯދައިދީފަ އެވެ. ނަމަވެސް ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ހަސަން ސާމް ވަނީ މެޗުގެ 90 ވަނަ މިނިޓުގައި އެލްޓީގެ ތިންވަނަ ލަނޑު ޖަހައި، މެޗުން ތިން ޕޮއިންޓް ޔަގީން ކޮށްދީފަ އެވެ.
މިއާ އެކު ވަނީ ހަތަރު މެޗު ކުޅެގެން ހޯދި 10 ޕޮއިންޓާ އެކު ވަގުތީގޮތުން ގުރޫޕުގެ އެއްވަނައަށް ޖެހިލައިފަ އެވެ. ދެވަނައިގައި އޮތީ އެއްމެޗު މަދުން ކުޅެގެން ނުވަ ޕޮއިންޓް ހޯދާފައިވާ ނިއު ރޭޑިއަންޓެވެ.
މާދަމާ ރޭ ނިއު ރޭޑިއަންޓާއި ބީޖީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުގެ ނަތީޖާއަށް ފަހު، ނިއު އާއި އެލްޓީ ސްޕޯޓްސްގެ މަގާމަށް ބަދަލު އައުން އެކަށީގެން ވެއެވެ. މެޗު އޮންނާނީ މާދަމާ ރޭ 9 ޖަހާއިރު ގަލޮޅު ދަނޑުގަ އެވެ.