28 ޖުލައި 2022 - 09:22

އިންސާނާ ކުރާ ކަންތައްތަކުގެ ތެރެއިން ހުއްދަ ކަންތައްތަކާއި ހަރާމް ކަންކަން ކަނޑައަޅުއްވާ ހަމައެކަނި ފަރާތަކީ މާތްﷲ ކަމަށާއި މާތްﷲ ހަރާމް ކުރެއްވިކަން ސާބިތުނުވާ ކަންކަމަކީ ހަރާމް ކަމެއް ކަމުގައި ބުނުމުގެ ހަައްގު އެއްވެސް އިންސާނަކަށް ނޯންނާނެ ކަމަށް ވިދާޅުވެ، ޔޯގާ އާއި މިއުޒިކަކީ ހަރަމް އެއްޗެއް ކަމަށް ބުނުމުގެ ފުރުސަތު ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވެފައިވާ އެ މައްސަލަތަކާ ގުޅިގެން މައުމޫން ކުރިން ވެސް ވިދާޅުވެފައި ވަނީ ޔޯގާ ހެދުމުގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.
އެކަމަކު ދީނީ އިލްމުވެރިންނާއި އާންމުންގެ ފާޑުކިޔުން ވެސް އެ މައްސަލައާ ގުޅިގެން މައުމޫނަށް އަމާޒުވެފައިވަނިކޮށް އެމަނިކުފާނު ވިދާޅުވީ، ހަރާމް ވާނީ ހަމައެކަނި މާތްﷲ ހަރާމް ކުރެއްވި ކަންތައްތައް ކަމަށެވެ. އެހެން ވިދާޅުވެ، ގުރުއާނުގައި މާތްﷲ ވަހީކުރެއްވި ކަންކަމާ އެކު އެ މައްސަލައާ ގުޅިގެން އެމަނިކުފާނު ވަނީ ތަފުސީލު ލިޔުއްވުމެއް ނެރުއްވައިފަ އެވެ.
މައުމޫންގެ އެ ލިޔުމުގައި ވިދާޅުވީ އިންސާނާ ކުރާ ކަންކަމުގެ ތެރެއިން ހުއްދަ އަދި ހަރާމް ކަންކަން ކަނޑައަޅުއްވާ ހަމައެކަނި ފަރާތަކީ ﷲ ކަމަށެވެ. ސުންނަތް ކަންތައްތަކާއި މަކްރޫހަ ކަންކަން ކަނޑައަޅުއްވާ ފަރާތަކީ ވެސް މާތްﷲ ކަމަށް ވިދާޅުވި އެވެ.
"ކުރުކޮށް ދަންނަވާ ނަމަ، ހުކުމްކުރުމުގެ ބާރު އޮންނަނީ މާތް އަށެވެ. އެ ބާރަކީ، ރަސޫލު ބޭކަލަކަށް ވެސް ނަބީބޭކަލަކަށް ވެސް އަދި އެއްވެސް އިންސާނަކަށް ވެސް އޮންނާ ބާރެއް ނޫނެވެ،" މައުމޫން ލިޔުއްވާފައިވެ އެވެ.
އެ ލިޔުމުގައި ވިދާޅުވީ ހަރާމް ކަމަކީ އެ ކަމެއް ކުރުން މާތްﷲ މުޅިން މަނާކުރައްވާފައިވާ ކޮންމެ ކަމެއް ކަމަށާއި ކަމެއް ކުރުން މާތްﷲ މަނާކުރައްވާފައިވާކަން އެނގޭނެ ގޮތްތަކެއް ވެސް ވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ފާޅުކަން ބޮޑު ގޮތަކީ ގުރުއާން ނުވަތަ މާތް ރަސޫލާގެ ބަސްފުޅަކުން އެކަން އެނގެން އޮތުން ކަމަށް ވިދާޅުވި އެވެ.
މާތްﷲ ކަމެއް މަނާކުރައްވާފައިވާކަން އެނގޭނެ އަނެއް ގޮތަކީ ގާރީނާއަކުން އެކަން އެނގުން ކަމަށް ވެސް އެ ލިޔުއްވުމުގައި ވެ އެވެ.
"މިސާލަކަށް، އެކަމެއް ނުކުރުމަށް ނުވަތަ އެކަމެއް ކުރުމަކުން ދުރުހެލިވުމަށް މާތްﷲ އަންގަވާފައިވާ އެންގެވުމާއި ގުޅިގެން އެކަމަކީ ފާފައެއް ކަމުގައި، ނުވަތަ ޝައިތާނާގެ އަމަލެއް ކަމުގައި އަންގަވާފައިވުމެވެ،"
އެ ލިޔުމުގައި ވަނީ ޒިނޭ އާއި ޖުވާ އަދި ރާ ބުއިމާ ގުޅިގެން މާތްﷲ ވަހީކުރެއްވި ބަސްފުޅުތަކުގެ މާނަ ވެސް ހިމަނުއްވައިފަ އެވެ.
މައުމޫންގެ ލިޔުމުގައި ވިދާޅުވީ އެކަމެއް ކުރާ މީހަކަށް އުގޫބާތެއް ކަނޑައަޅުއްވާފައިވާ ކަމަށް މާތްﷲ އަންގަވާފައިވާ އެންގެވުމަކީ ވެސް އެކަމަކީ ހަރާމް ކަމެއްކަން އެނގޭނެ ވަރުގަދަ ގަރީނާއެެއް ކަމަށެވެ. އަދި މާތްﷲ ހަރާމްކުރައްވާފައިވާ ކަންތައްތައް އެއްވެސް އޮޅުމެއް ނެތި ވަކިވަކިން މީސްތަކުންނަށް އެނގެން އޮތުމުގެ މުހިއްމުކަމަށްޓަކައި އެކަން ކުރައްވަންވީ ގޮތް މާތްﷲ ވަނީ އެކަލާނގެ ރަސޫލާ އަށް އަންގަވާފައި ކަމަށާއި އެކަން އަލް އަންއާމް ސޫރަތުގެ 151 ވަނަ އާޔަތުގައި އެކަލާނގެ ވަހީކުރައްވާފައިވާ ކަމަށެވެ.
މައުމޫން ވިދާޅުވީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަމަށް ބަލާއިރު އިސްލާމް ދީނަކީ ލުއި ފަސޭހަ، އަދި ހުރިހާ ޒަމާނަކަށާއި ތަނަކަށް އެކަށީގެންވާ ނިޒާމެއްކަން ސާބިތުކޮށްދޭ ވަރަށް މުހިއްމު ކަމަކަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އެކަމަކީ ހަރާމް ކުރައްވާފައި ނުވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމުގައި މާތްﷲ ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމެވެ.
"މިސާލަކަށް ކަމެއްގެ ހުކުމާ ބެހޭ ގޮތުން މުފްތީއެއްގެ އަރިހުގައި ސުވާލު އުފެއްދިއްޖެ ނަމަ، އެކަމާ ބެހޭ ހުކުމެއް ކީރިތި ގުރުނއާނުން ނުވަތަ ސުންނަތުން ނުވަތަ އެހެން ޝަރްއީ ދަލީލަކުން ނުފެނުނު ނަމަ، މުފްތީއަށް އޮންނާނީ އެކަމަކީ ހުއްދަ ކަމެއް ކަމުގައި ވިދާޅުވުމެވެ. ކޮންމެ ކަމެއްގެ ވެސް އަސްލު ހުކުމަކީ އެ ކަމެއް ހުއްދަވުން ކަމަށްވާ ކަމެވެ،"
މައުމޫން ވިދާޅުވީ އެގޮތަށް އެންމެހާ ތަކެތީގެ އަސްލު ހުކުމަކީ އެކަންކަމާއި ތަކެތި ހުއްދަވުން ކަމުގައި އިލްމުވެރިން ވިދާޅުވެފައި ވަނީ މާތްﷲ ބިމުގައި ލައްވާފައިވާހާ ތަކެއްޗެއް ލައްވާފައި ވަނީ އިންސާނުންނަށްޓަކައި ކަމަށް ގުރުއާނުގައިވާތީ ކަމަށެވެ.
"އުޑުތަކާއި ބިމުގައިވާ ހުރިހާ އެއްޗެއް މާތްﷲ ކިޔަމަން ކުރައްވާފައި ވަނީ އިންސާނުންނަށްޓަކައި ކަމުހައި ކީރިތި ގުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި ބަޔާންކުރައްވާފައިވެ އެވެ. އެހެންކަމުން، އެ ތަކެތި ހުއްދަނުވާ ނަމަ، އެތަކެއްޗަކީ އިންސާނުންނަށްޓަކައި މާތްﷲ ހެއްދެވި އަދި ކިޔަމަން ކުރެއްވި ތަކެތި ކަމަކަށް ނުވީހެވެ،"
އެކަހަލަ ސަބަބުތަކާ ހުރެ މާތްﷲ ހަރާމް ކުރެއްވި ކަން ސާބިތު ނުވާ އެއްވެސް ކަމަކީ ހަރާމް ކަމެއްކަމުގައި ބުނުމުގެ ހައްގު އެއްވެސް އިންސާނަކަށް ނޯންނާނެ ކަމަށާއި އޭގެ މާނައަކީ އަލަށް އުފެދޭ މުއާމަލާތްތަކާއި އާދަކާދަތަކުގެ ތެރެއިން ވެސް އެ ކަމަކީ ހަރާމް ކަމެއްކަން ސާބިތުނުވާ ކޮންމެ ކަމެއް ވާނީ ހުއްދަ ކަމަކަށް ކަމަށް މައުމޫން ވިދާޅުވި އެވެ.
"ދިރިއުޅުން ތަރައްގީވެ އިންސާނާ ހަރަކާތްރެރިވާ މައިދާންތައް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާވެ ތަނަވަސްވެގެން ދިއުމަކީ ކަންވަމުންދާ ގޮތެވެ. އޭގެ ތެރެއިން އެއްކަމަކީ ހަރާމް ކަމެކޭ ބުނެވޭނީ އިސްވެ ބަޔާންކުރި ދަލީލުތަކުގެ ތެރެއިން ދަލީލަކުން އެއީ ހަރާމް ކަމެއްކަން ސާބިތުވާން އޮންނަ ނަމަ، އެ ހާލަތުގަ އެވެ،"
އެހެންވެ މައުމޫން ވިދާޅުވީ ގައުމީ ނުވަތަ އިޖުތިމާއި މުނާސަބަތުތައް ފާހަގަކުރުމާއި އިންސާނީ ގުޅުންތައް ބަދަހިކުރުމަށް ކުރެވޭ ކަންކަމާއި އުފަން ދުވަސް ފާހަގަކުރުމާއި އެކިއެކި ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުމަށް ކުރާ ކަންކަމާއި އިސްލާމްދީނުގެ އުސޫލުތަކާއި ފުށުނާރާގޮތުގެ މަތިން ޔޯގާ ފަދަ ސިއްހީ ނުވަތަ ނަފްސާނީ ދުޅަހެޔޮކަން ބަދަހިކޮށް ވަރުގަދަ ކުރުމަށްޓަކައި ކުރާ ކަސްރަތުތަކާއި ލަވަކިޔުމާއި މިއުޒިކް ކުޅުން ފަދަ ކަންކަމަކީ ހަރާމް ކަމެއް ކަމަށް ބުނެވެން ނެތް ކަމަށެވެ.
އެކަމަކު އެ ކަންތައް ކުރުމުގައި ވެސް ހަރާމްކަމެއް އެކުލެވިގެންވާ ނަަމަ ނުވަތަ އެކަމަކީ ހަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުންކުރެވޭ ވަސީލަތަކަށްވާ ނަމަ، އެކަމެއް ހަރާމް ވާނެ ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ.