28 ޖުލައި 2022 - 09:30

ލަންޑަން (ޖުލައި 27) - އިޓާލިއަން ސެރީއޭގެ މިދިޔަ ސީޒަނުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި އިޓަލީގެ ކުޅުންތެރިޔާ، ސަސުއޮލޯގެ ޖިއާންލޫކާ ސްކަމާކާ، އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑަށް ސޮއިކޮށްފި އެވެ.

ވެސްޓް ހޭމް އިން ސްކަމާކާގެ ސޮއި ހޯދީ ފަސް އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން، 37 މިލިއަން ޑޮލަރުގެ އަގަކަށެވެ. އަދި އޭނާގެ ކޮންޓްރެކްޓުގައި ބޭނުންނަމަ އިތުރު އެއް އަހަރަށް ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ވެސް ވަނީ ދީފަ އެވެ.
އުމުރުން 23 އަހަރުގެ އިޓަލީ ގައުމީ ޓީމުގެ ސްޓްރައިކަރު ސްކަމާކާ ވަނީ އިޓާލިއަން ސެރީއޭ ގައި މިދިޔަ ސީޒަނުގައި ކުޅުނު 36 މެޗުގައި 16 ލަނޑު ޖަހައިފަ އެވެ. އެންމެ ގިނަ ލަނޑު ޖެހި އިޓަލީ ކުޅުންތެރިޔަކީ، ލީގުގެ ރަން ބޫޓު ވެސް ހޯދި، ލާޒިއޯ އަށް ކުޅޭ ތަޖުރިބާކާރު ފޯވާޑް ސީރޯ އިމޯބިލޭ އެވެ.
"މި ފުރުސަތަށް އަހަރެން ވަރަށް ގިނަ ދުވަހު އިންތިޒާރު ކޮށްފިން. ޕްރިމިއާ ލީގުގައި ކުޅުމަކީ އަބަދު ވެސް ދެކެމުން އައި ހުވަފެނެއް،" ސްކަމާކާ ބުންޏެވެ.
"ވެސްޓް ހޭމް އަށް އާދެވުމުން ވަރަށް އުފާވޭ، އަހަރެންނާ ވަރާސް ގުޅޭ ޓީމެއް ކަމުގެ އިހުސާސް ކުރެވޭ. ޓީމުން އަހަރެން ގެންނަން ބޭނުންވާ ވަރު ދައްކައިދީފި، އަދި ޓީމުގެ މެނޭޖަރާ ވާހަކަ ދައްކާލުމުން ވިސްނުންވެސް އެއްގޮތްކަމަށް ފާހަގަވި."
މިދިޔަ އަހަރު ސީނިއާ ގައުމީ ޓީމަށް ކުޅެން ފެށި ސްކަމާކާ ހޯދަން އިޓަލީގެ ޔުވެންޓަސް އާއި ފްރާންސްގެ ޕީއެސްޖީ ވެސް މަސައްކަތް ކުރި އެވެ. ޕީއެސްވީގެ ރިޒާވް ޓީމާ އެކު ސީނިއާ ކެރިއަރު ފެށުމުގެ ކުރިން އޭނާ ވަނީ ޕީއެސްވީގެ އިތުރުން، ލާޒިއޯ އާއި ރޯމާގެ އެކަޑަމީން ތަމްރީނު ހޯދައިފަ އެވެ. އަދި 2017 ވަނަ އަހަރު ސަސުއޮލޯ އަށް ބަދަލުވެ، އޭނާ ވަނީ ލޯނު އުސޫލުން ހަތަރު ކުލަބަކަށް ކުޅެފަ އެވެ. މިދިޔަ ސީޒަނަކީ އޭނާ ސަސުއޮލޯ އާއެކު ފުރިހަމަކުރި ހަމައެކަނި ސީޒަނެވެ.
އިސްކޮޅުން ދިގު މި ސްޓްރައިކަރު ވަނީ ގައުމީ ޓީމަށް މިހާތަނަށް ހަތް މެޗު ކުޅެދީފަ އެވެ. އޭގެ ތެރޭން އިންގްލެންޑާ ދެކޮޅަށް މިދިޔަ މަހު ނޭޝަންސް ލީގުގައި ކުޅެ އެއްވަރުކުރި މެޗުގައި އޭނާ ވަނީ ސްޓާޓް ކޮށްފަ އެވެ.
މިއީ މި ޓްރާންސްފާ ބާޒާރުގައި ޑޭވިޑް މޮޔެސް، ވެސްޓް ހޭމް އަށް ގެނައި ހަތަރުވަނަ ކުޅުންތެރިޔާ އެވެ. ފްރާންސްގެ ރެނެސް އަށް ކުޅޭ މޮރޮކޯ ޑިފެންޑަރު ނާއިފް އޮގާޑް އާއި ޕީއެސްޖީ އަށް ކުޅެމުން އައި ގޯލްކީޕަރު އަލްފޮންސޭ އަރިއޯލާގެ އިތުރުން ސްވަންސީ އަށް ކުޅޭ ޒުވާން މިޑްފީލްޑަރު ފްލީން ޑޯވެންސްގެ ސޮއި ވެސް ހޯދައިފަ އެވެ.
އަރިއޯލާ ވަނީ މިދިޔަ ސީޒަނުގައި ލޯނު އުސޫލުން ވެސްޓް ހޭމް އަށް ކުޅެފަ އެވެ. ޕްރިމިއާ ލީގުގައި އެންމެ މެޗެއް ކުޅުނު ނަމަވެސް، ޓީމު ޔޫރޮޕާ ލީގު ސެމީ ފައިނަލަށް ދަތުރުކުރި އިރު ގޯލުބެލެހެއްޓުމުގެ ޒިންމާ އުފުލީ އޭނާ އެވެ.
މެންޗެސްޓާ ޔުނައިޓެޑާ އެކު ކޮންޓްރެކްޓް ހަމަވެގެން ނޮޓިންހަމް ފޮރެސްޓްށް ބަދަލުވި ޖެސީ ލިންގާޑް ހޯދަން ވެސް މޮޔެސް މަސައްކަތް ކުރި އެވެ. އަދި މޮޔެސް އަންނަނީ ޓީމުގެ ފޯވާޑްލައިން ވަރުގަދަ ކުރަން، ޗެލްސީގެ ފޯވާޑް އާމަންޑޯ ބްރޯޔާ ހޯދަން ވެސް މަސައްކަތް ކުރަމުންނެވެ.
މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ހަތްވަނައިގައި ނިންމި ވެސްޓް ހޭމް، އަންނަ ސީޒަނުގައި ކުޅެން ޖެހޭނީ ޔޫރޮޕާ ކޮންފަރެންސް ލީގު ޕްލޭއޮފް ބުރުން ފެށިގެންނެވެ.